• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label ޘަޤާފަތާއި ފިކުރު. Show all posts
އުފެއްދުންތެރިކަން ނުވަތަ ފަންނުވެރިކަމާމެދު އިސްލާމް ދީން ދެކޭ ގޮތަކީ ސާފުވާން ޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
 އިސްލާމްދީނާމެދު ހެޔޮކޮށް ވިސްނާމީހުންނާއި އެދީނާމެދު ނުބައި ކޮށް ހީކުރާ މީހުންވެސް ފަންނުވެރިކަމާމެދު އިސްލާމްދީން ދެކޭ ގޮތްކަމަށް ބަލާ ގޮތަކީ އެންމެ ރަނގަޅު ރައުޔައެއް ނޫނެވެ. އަޖައިބު ކުރުވަނިވި ކަމަކީ އިސްލާމްދީންދެކެ ލޯބިވާ ބައެއް މީހުނާއި ދީނަށް ނަފްރަތުކުރާ މީހުންވެސް އިސްލާމްދީނުގައި ފަންނުވެރިކަން އޮންނަ ގޮތާމެދު އިއްތިފާޤުވަނީ އަންނަނިވި މޫރިތި ޙަދީސް ތަފްސީރުކުރެވޭ ގޮތެއްގެ މައްޗަށް ބިނާކޮށެވެ. ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. إن أصدق الحديث كتاب الله و إن أفضل الهدي هدي محمد و شر الحديث محدثاتها و كل محدثة بدعة و كل بدعة ضالة و كل ضلالة فى النار- رواه مسلم މާނައީ: ހަމަކަށަވަރުން އެންމެ ތެދުބަހަކީ މާތްﷲގެ ފޮތެވެ. އަދި އެންމެ ހެޔޮކަން ބޮޑު ހިދާޔަތަކީ މުޙައްމަދުގެފާނުގެ ހިދާޔަތެވެ. އަދި ކަންކަމުގެ ތެރެއިން އެންމެ ނުބައިކަންބޮޑީ އަލަށް ގެނެވޭ ކަންތައްތަކެވެ. އަދި އަލަށް ގެނެވޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ.
ލިޔުއްވީ: د. ناصر العمر

ތަރުޖަމާ: ޝިފްޒާން އަޙްމަދު

މުސްލިމުންނަށް ކުރިމަތިވެފައިވާ ބައިބައިވުންތަކުގެ މައްސަލައަކީ އެބައިމީހުން ނިކަމެތިވެ ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މުސްލިމް މުޖްތަމަޢު މިވަނީ ފިރުޤަތްތަކަށާއި ޕާޓީތަކަށާއި އެކި އެކި ޖަމާޢަތްތަކަށް ބެހިފައެވެ. އެއިން ކޮންމެ ބައަކުވެސް ޤަބޫލުކުރާ ގޮތުގައި ދެމިތިބުމަށް އަނެކުންނަށް ޢަދާވާތްތެރިވުމާއި، އަނެކުންގެ އަގުކުޑަކުރުން ލާޒމުވެއެވެ. މާތްﷲ ރަޙުމަތްލެއްވި އަޅަކު ނުވަތަ ބަޔަކު މެނުވީއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އެތައް ތަނެއްގައި ބައިބައިވުން ނަހީކުރައްވާފައިވެއެވެ. މާތްﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. [إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ إِنَّمَا أَمْرُهُمْ إلى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ} [الأنعام: 159} މާނައީ:ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ، اللَّه ގެ حضرة އަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން، އެކަލާނގެ، އެއުރެންނަށް خبر އަންގަވާނެތެވެ.

މުސްލިމުން ޙައްޤުގެ މަތީގައި ތިބުމާއެކު ބައިބައިވެފައިވާ މިންވަރާއި، ކާފަރުން ބާޠިލުގެ މަތީގައި އެކަތިގަނޑަކަށްވެފައިވާ މިންވަރު ފެނުމުން، ކަންކަމާމެދު ވިސްނާމީހަކު ޢަޖައިބުވާހާވެއެވެ. އަދި އިސްލާމީ ސާޙަތުގައި ޙަރަކާތްތެރިވާ ޖަމާޢަތްތައް ބައިބައިކުރުވާ ސަބަބުތަކަށްވުރެ އެއްބައިވަންތަކުރުވަނިވި، ސަބަބުތައް މާ ގިނައެވެ. ހެޔޮ ސަލަފުންގެ ބޭކަލުންގެ މެދުގައިވެސް ފަރުޢީ ކަންކަމުގައި ޚިޔާލުތަފާތުވުންތައް ހުއްޓެވެ. ހެޔޮކަންކަމާއި ތަޤުވާވެރިވުމުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް މަދަދުވެރިވެވަޑައިގަތުމާއި، ނުބައިކަންކަން މަނާކުރައްވައި، ލޯތްބާއި އެކުވެރިކަމުގެ މާޙައުލެއްގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ނަޞޭހަތްދެއްވުމުގެ މައްޗަށް ހުރި ހުރަހެއްކަމުގައި އެޚިޔާލުތަފާތުވުންތައް ނުވިއެވެ.

އެންމެހައި އިސްލާމީ ޖަމާޢަތްތަކުގެ އަމާޒަކީ އިސްލާމީ އުންމަތައިގެން ކުރިއަރައިގޮސް މާތްﷲގެ ފޮތާއި، ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލުﷲގެފާނުގެ ސުންނަތާ އެއްގޮތަށް ކަންކުރުމެވެ. ހިތުނިޔަތްތަކާއި ޢަމަލުތަކުގެ ސަބަބުތަކާމެދު ކުށް ހީކުރުމަކީ މުސްލިމެއްގެ ކިބައިގައި ހުރުން އެކަށީގެންވާ ޞިފައެއްނޫނެވެ. އެހެންނަމަވެސް ބައެއްފަހަރު ޙިޒުބީ ނުވަތަ ޖަމާޢަތަށް ވެވޭ ތަޢައްޞުބުގެ ސަބަބުން ޙަޤީޤީ ލަނޑުދަނޑި ހަނދާންނެތެއެވެ. އަދި ލަނޑުދަނޑިއަށް ވާޞިލްވުމަށް ބޭނުންކުރާ ވަސީލަތްތައް އެފަދަ ޖަމާޢަތްތަކުގެ ކުރިމަތީގައި ލަނޑުދަނޑިތަކަކަށް ވެއެވެ. މިއީ ވަރަށް ބޮޑު ކުށެކެވެ.

މުސްލިމުން އެކަތިގަނޑެއްކަމުގައި ވުމުގެ މާނައަކީ ބާޠިލުގެ އަހުލުވެރިންނާއި ޙައްޤުގެ އަހުލުވެރިން އެއްމައިދާނަކަށް ޖަމާކުރުވުމެއް ނޫނެވެ. މިސާލަކަށް ޝިޢީންނާއި ސުންނީންނާއި ބުދަށް އަޅުކަންކުރާ މީހުން އެއްޖަމާޢަތެއްކަމުގައި ވަޠަނިއްޔަތުގެ ނަމުގައިވެސް ނުވާނެއެވެ. މާތްﷲ އެބައެއްގެ މެދުގައި ތަފާތުލެއްވި މީހުންގެ މެދުގައި ހަމަހަމަކުރުން ހުއްދަވެގެންނުވެއެވެ. އެއީ ޙައްޤާއި ބާޠިލު ހަމަހަމަ ނުވާނެ ފަދައިންނެވެ. މާތްﷲ ވަޙީކުރައްވައެވެ.[وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً وَلا يَزَالُونَ مُخْتَلِفِينَ * إِلاَّ مَنْ رَحِمَ رَبُّكَ وَلِذَلِكَ خَلَقَهُمْ} [هود: 118، 119} މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލެއްވި ބަޔަކު މެނުވީއެވެ. އެކަލާނގެ އެއުރެން ހެއްދެވީ އެކަމަށްޓަކައެވެ.

މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމަކީ ހަމައެކަނި ހަށިގަނޑުގެ އެއްބައިވަންތަކަމެއް ކަމުގައިވުމީ ޤަބޫލުކުރެވޭނެ ގޮތެއް ނޫނެވެ. އެއެއްބައިވަންތަކަން ވާން ޖެހޭނީ ފިކުރީގޮތުންނާއި ޢަޤީދާގެ ގޮތުންވެސް އެއްބައިވެވޭ ވުމަކަށެވެ. އަޅުގަނޑުމެން މުސްލިމުންނަށް މިގޮވާލަނީ މާތްﷲއާއި އެކަލާނގެ ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ތަބާވުމުގެ މަތީގައި އެކަތިގަނޑެއްކަމުގައިވުމަށެވެ. ﷲ ޙަމްދުހުއްޓެވެ. އިސްލާމީ މުޖުތަމަޢުގެ ބޮޑު ބައަކީ މިއީއެވެ. އެބައިމީހުންގެ މެދުގައި ބައިބައިކުރުވަނިވި ހަމައެކަނި ސަބަބަކީ އިންޞާފުވެރިވުން ދޫކޮށްލުމާއި، އަނިޔާވެރިވުމެވެ.

ހަމަކަށަވަރުން އަހުލުއްސުންނާއަކީ އެއް ޞަފެކެވެ. އެއެންމެވެސް އެއްމައިދާނެއްގައި އެކަތިގަނޑެއްކަމުގައިވެއެވެ. އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިކުރުވާ ތުހުމަތުތަކަކީ ގިނަފަހަރަށް ރަނގަޅު ތުހުމަތުތަކެއްކަމުގައި ނުވާނެއެވެ. އަދިކިއެއްހެޔެވެ؟ އެފަދަ ވާހަކަތަކަކީ ބާޠިލު ވާހަކަތަކެއްކަމުގައިވެސް ވުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެފަދަ ބާޠިލުވާހަކަތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ އަޚުންނަށް ބައިތަކަށް ބަހައި އުޅޭ މީހުންވެސް ތިބާއަށް ފެންނާނެއެވެ. އެއީ އެއްގެއެއްގައި އެކީގައި އުޅޭ އަޚުންތަކެއް ކަމުގައިވެސް ވެދާނޫއެވެ. އެކީގައި ޢިލްމު ހޯދުމަށް އުޅޭ އަޚުންތަކެއްކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް މިފަދަ ބާޠިލު ހީތައް އެއަޚުންގެ މެދުގައި ފިތުނަވެރިކޮށް ބައިބައިކޮށް އެބައިމީހުންގެ ބާރުވެސް ކަނޑުވައިލައެވެ. އަލްޢައްލާމާ ބަކުރު އަބޫޒައިދު (تصنيف الناس بين الظن واليقين- ހީއާއި ޔަޤީނުގެ މެދުގައި މީސްތަކުން ބައިކުރުން) ނަމަކަށް ކިޔުނު ފޮތުގައި މީހުން ބައިކުރުމުގެ ޙުކުމްތައް ތަފްޞީލުކޮށް ހަމަޔަށް ބަޔާންކޮށްދެއްވިއެވެ. އެފޮތުން ވަރަށް މަންފާ ލިބޭނެއެވެ. މާތްﷲ ޝައިޚުއަށް ރަޙުމަތް ލައްވާށިއެވެ.

މަޞްދަރު: ޤިޞަޞުލް އިސްލާމް

ލިޔުންތެރިޔާގެ ކުރު ތަޢާރަފު:

އޭނާއަކީ ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިއެކެވެ. މަސައްކަތްކުރައްވަނީ ޖާމިޢަތު އިމާމް މަލިކު ސުޢޫދުގެ ޕްރޮފެސަރެއްގެ ވަޒީފާގައެވެ. ލިޔުއްވި ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޮތަކީ الوسطية فى القرانއެވެ. މިފޮތަކީ ވަރަށް ޢިލްމީ ރަނގަޅު ފޮތެކެވެ. ޢިލްމު އުގެނޭ ކުދިން ކިޔަން ރަނގަޅު މަރުޖިޢެއްކަމުގައި ބެލެވޭ ވަރުގެ ފޮތެއްމެއެވެ.
ލިޔުއްވީ: އިސްލާމީ ދާޢީއެއްކަމުގައިވާ ޑރ.ޒާކިރު ނާއިކު
ތަރުޖަމާ: ޝިފްޒާން އަޙުމަދު




''ޓެރަރިސްޓު'' އަދި ''ފަންޑަމެންޓަލިސްޓް'' މި ދެނަމަކީ، މި އަދު މުސްލިމުންގެ ވާހަކަ ދެކެވޭ ކޮންމެ ތަނެއްގައި ދީނުގެ ޢަދާވަތްތެރިން ބޭނުންކުރާ ދެނަމެވެ. ބޭނުމަކީ މުސްލިމުންގެ ޝަޚްޞިއްޔަތު ހީނަރުކޮށް، މާތްވެގެންވާ އިސްލާމްދީނުގެ ޞޫރަ ހުތުރު ކޮށްލުމެވެ. އެހެންކަމުން، މި ކަމާގުޅިގެން ޑރ. ޒާކިރު ނާއިކަށް ދެންނެވުނު ސުވާލަށް އޭނާ ދެއްވާފައިވަނީ ވަރަށް އާދަޔާ ޚިލާފު ޖަވާބެކެވެ.


ސުވާލު: މުސްލިމުންކުރެގިނަ ބަޔަކު ފަންޑަމެންޓަލިސްޓުންނާއި ޓެރަރިސްޓުންކަމުގައި ހިމެނެނީ ކީއްވެ؟؟
ޖަވާބު:
ސުވާލަކީ މުސްލިމުންނާއި ސީދާގޮތުންނާއި ނުސީދާގޮތުން ކުރިމަތިކުރެވޭ ސުވާލެކެވެ. ސުވާލުކުރަން ޖެހޭ ސަބަބަކީ އިސްލާމްދީނާއި މުސްލިމުންނާއި ބެހޭގޮތުން ހުޅަނގުގެ ނުފޫޒުގަދަ މީޑިޔާއިން ފަތުރަމުންދާ ދޮގު މަޢުލޫމާތެވެ. އެކަމުގެ ސަބަބުން މުސްލިމުންނަކީ ޓެރަރިސްޓުންކަމުގައި ބެލެވެނީއެވެ. އަދި އެފަދަ ޙާލަތުގައި އިސްލާމީ "ފަންޑަމެންޓަލިޒަމް"ގެ ވާހަކަ އިވިވަޑައިގަންނަވާނެއެވެ. މިސާލަކަށް ދަންނަވާނަމަ އޮކްލަހޮމާގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއެވެ. އެފަހަރުވެސް އާދައިގެމަތިން އެކަމަކީ މުސްލިމުން ކުރިކަމެއްކަމުގައި އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނަންފެށި އެވެ. އަދި އެޙަމަލާއަކީ މެދުއިރުމަތީގެ ރޭވުމެއްކަމުގައި ޞިފަކުރަމުންގެންދިޔައެވެ. އެހެންނަމަވެސް ފަހުން އެނގުނު ގޮތުގައި މިޖަރީމާ ހިންގީ އެމެރިކާގެ ލަޝްކަރުގައި ކުރިން އުޅުނު މީހެކެވެ. އެފަހަރުވެސް އިސްލާމީ ފަންޑަމެންޓަލިސްޓުންނޭ މީޑިޔާގައި ކިޔާތީ އަޑުއިވުނެވެ.
އެހެންކަމުން މުސްލިމުންނަކީ ފަންޑަމެންޓަލިސްޓުންނޭ ބުނެވޭ ބަހުގެ މާނަ ދެނެގަންނަމާތޯއެވެ؟
"ފަންޑަމެންޓަލިސްޓު"އޭ ބުނެވާ ބަހުގެ މުރާދު:
ފަންޑަމެންޓަލިސްޓަކީ އެމީހަކު ޤަބޫލުކުރާ ނަޡަރިއްޔާއެއް ނުވަތަ ދީނެއްގެ އަސާސީ ހަމަތަކަށް ކިޔަމަންވެގެން އުޅޭ މީހާއެވެ. ނުވަތަ ކަމެއްކުރަން އޮންނަ ގޮތަށް އެކަންކުރާ މީހާއެވެ. ރަނގަޅު ޑަކްޓަރަކަށް ވާންބޭނުންވާ މީހާ ޑަކްޓަރީ ދާއިރާގެ އެންމެ އަސާސީ ކަންތައްތައް ހިފަހައްޓައި އެކަންކަން ދަސްކުރަންޖެހޭނެއެވެ. އެހެންކަމުން ރަނގަޅު ޑަކްޓަރަކީ އޭނާގެ ދާއިރާގައި"ފަންޑަމެންޓަލިސްޓެ"ކެވެ.
ހުރިހާ ފަންޑަމެންޓަލިސްޓުންގެ ޙުކުމް:
ހުރިހާ ފަންޑަމެންޓަލިސްޓުންނަކީ ރަނގަޅު ބައެއްކަމުގައި ނުވަތަ ނުބައި ބައެއްކަމުގައި ނުނިންމޭނެވެ. ނުބައި ރަނގަޅު ކަޑައަޅާނީ އެމީހަކު ފަންޑަމެންޓަލިސްޓަކަށްވާ ދާއިރާދެނެގަނެގެނެވެ. މިސާލަކަށް: ލޫޓުވުމުގައި ފަންޑަމެންޓަލިސްޓަކީ ރަނގަޅު މީހެއްނޫނެވެ. އެހެނީ އޭނާގެ ސަބަބުން ލިބެނީ ގެއްލުމެވެ. ކުރިމަތިވަނީ ދަތިކަމެވެ. އެކަމަކު ބޭސްވެރިކަމުގެ ދާއިރާގެ ފަންޑަމެންޓަލިސްޓަކީ ރަނގަޅު މީހެކެވެ. އެހެނީ އޭނާގެ ސަބަބުން ކުރަނީ ފައިދާއެވެ.
ބަސްފޮތުގައި ފަންޑަމެންޓަލިޒަމް:

މިދެންނެވުނު މާނައަކީ މަންޠިޤީ މާނައެކެވެ. ދެންއޮތީ ބަސްފޮތަފޮތުގައި މިބަހުގެ މާނަކަމަށް ބުނާމާނައެވެ. ވެބްސްޓަރގެ ބަސްފޮތުގައި ވާގޮތުން ފަންޑަމެންޓަލިޒަމްއަކީ 20ވަނަ ސައްތައިގައި އެމިރާގެ ޕްރެޓެސްޓެނިޒަމްއަށް ތަބާވާ މުޖުތަމަޢުގައި އުފެދުނު ޙަރަކާތަކަށްކިޔުނު ނަމެކެވެ. އެޙަރަކާތަކީ މަސީޙީދީން ޒަމާނަށް ފެއްތުމަށް ކުރެވުނު މަސައްކަތްތަކާ ދެކޮޅު ޙަރަކާތެކެވެ. އަދި އިންޖީލަކީ ނުވަތަ ބައިބަލްއަކީ މާތްﷲގެ ކަލާމްފުޅުކަމުގައި ފަންޑަމެންޓަލިސްޓުން ބުންޏެވެ. އެހެންކަމުން އެބަދަލުކުރުމަކީ ނުކުރެވޭނެ ކަމެއްކަމުގައި ބުނަމުންގެންދިޔައެވެ. އެހެންކަމުން ފަންޑަމެންޓަލިޒަމް ބޭނުންކުރެވުނީ މަސީޙީންގެ ތެރެއިން ބައިބަލްއަކީ މާތްﷲގެ ކަލާމްފުޅުކަމަށް ބުނިބަޔަކަށް ނިސްބަތްކޮށެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއްބަސްފޮތްކަމުގައިވާ އޮކްސްފޯޑް ޑިކްޝަނަރީގައި މިބަހުގެ މާނަލިޔެފައިވާގޮތް ދަންނަވާލާނަމެވެ. "ދީނެއްގެ އަޞްލު އުޞޫލުތަކުގައި ސާބިތުކަމާއެކު ހިފަހެއްޓުމެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ އަޞްލުތަކުގައި ހިފަހެއްޓުމެވެ." އެހެންނަމަވެސް މިއަދު މީހަކު ފަންޑަމެންޓަލިސްޓެކޭ ބުނެވިއްޖެނަމަ ހީކުރަނީ އެބުނެވުނީ މުސްލިމް ޓެރަރިސްޓެއްގެ ވާހަކަ ކަމުގައެވެ.
ޓެރަރިސްޓު އަދި ބަޠަލް:
އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިކަން ހިންގި ދުވަސްވަރު އެބައިމީހުންނާ ދެކޮޅަށް ތެދުވެ ހަނގުރާމަކުރި މީހުންނަކީ އިނގިރޭސީންނާއި އެމީހުންނަށް ވާގިވެރިވީ މީހުން ކުރިމަތީގައި ޓެރަރިސްޓުންނެވެ. އެހެންނަމަވެސް މިނިވަންކަން ލިބުމަށް އެދި އެދި ތިބި އިންޑިޔާމީހުންގެ ކުރިމަތީގައި އެމީހުންނަކީ ބަޠަލުންތަކެކެވެ. އެއްޢަމަލުތަކެއް ހިންގުމުން ދެވޭ ދެލަޤެބެކެވެ. ބަޠަލުގެ ލަޤަބާއި ޓެރަރިސްޓުގެ ލަޤަބެވެ. އިސްރާއީލު މީހުންގެ އަނިޔާއިން ފަލަސްޠީން މިންޖުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުން ޙަމާސް ޓެރަރިސްޓު ޖަމްޢިއްޔާއެއްކަމުގައި އެމެރިކާއިން ބުނެއެވެ. އެކަމަކު ފަލަސްޠީނުގެ ރައްޔިތުންގެ ކުރިމަތީގައި ޙަމާސްއަކީ މިނިވަންކަމުގެ ރަމްޒެކެވެ.
ކޮންމެ މުސްލިމަކީ ޓެރަރިސްޓެއްހެއްޔެވެ؟
ކޮންމެ މުސްލިމަކު ޓެރަރިސްޓެއްކަމުގައި ވާންޖެހޭނެއެވެ؟ އެކަމަކު ކޮންކަމެއްގައި ހެއްޔެވެ؟ ޓެރަރިސްޓުގެ މާނައަކީ ބިރުގަންނަވާ މީހާއެވެ. ކޮންމެ މުސްލިމަކީވެސް ނުލަފާ މީހުންގެ ކުރިމަތީގައި ޓެރަރިސްޓެއްކަމުގައި ވާންޖެހޭނެއެވެ. ވައްކަންކުރާ މީހުންފަދަ ނުބައި މީހުންނަށް މުސްލިމުންނަކީ ޓެރަރިސްޓުންނެވެ. ބިރުވެރިބައެކެވެ. އެހެންނަމަވެސް ޢާންމު ފަރުދުންނަށް މުސްލިމުންނަކީ ޓެރަރިސްޓުންނެއްނޫނެވެ. މުސްލިމުންނެވެ. މުސްލިމްގެ މާނައަކީ ސަލާމަތްކަން ފޯރުކޮށްދޭމީހާއެވެ. އަމާންކަމުގެ ނިޝާނެކެވެ.
ނިންމުން:
އިސްލާމްދީނުގެ އަޞްލުތަކާއި އުޞޫލުތަކުގައި ހިފަހައްޓާ ކޮންމެ މީހަކީ "ފަންޑަމެންޓަލިސްޓެ"ކެވެ. އަދި އަމިއްލަ ދީނާއި ވަޠަނުގެ ދިފާޢުގައި ބަސްބުނާ ކޮންމެ މުސްލިމަކީ "ޓެރަރިސްޓެ"ކެވެ. އެހެންކަމަށް ވާނަމަ، އަޅުގަނޑަކީ އިސްލާމީ "ފަންޑަމެންޓަލިސްޓަ"ކީމެވެ. އަދި "ޓެރަރިސްޓަ"ކީމެވެ.
އަހުލުއްސުންނާއަކީ ކޮބައިކަމާމެދު މިޒަމާނުގައި އެތައް ގޮތަކަށް ބަޙުސްކުރެވެމުން އެބަދެއެވެ. ވަރަށްގިނަ ޢިލްމުވެރިން މިއަދުވެސް އެކިމާނަތަކުގައި އަހުލުއް ސުންނާ ވަލްޖަމާޢާ މާނަކުރައްވަމުން އެބަގެންދަވައެވެ. ބައެއް މީހުން ދަޢުވާކުރަމުންދަނީ ތިމަންމެނަކީ އަހުލުއްސުންނާކަމުގައެވެ. އަދި އެހެންމީހުންނަކީ އަހުލުއްސުންނާގެ އިމުން ބޭރުގައިވާ ބައެއްކަމަށެވެ. އެހެންކަމުން މިމައުޟޫޢަށް އަލިއަޅުވައިލަން އަޅުގަނޑަށްވެސް މަޖުބޫރުވެއްޖެ ހިނދުގައި އެކަންކުރުމަށް އަވަސްވެގަންނަމެވެ.

އަހުލުއްސުންނާ ވަލްޖަމާޢާއަކީ ފިޤުހީ މަޛުހަބެއްނޫނެވެ.

އަހުލުއްސުންނާ އަކީ ފިޤުހީ މަޛުހަބެއްކަމުގައި ބައެއްބޭފުޅުން ދެކެވަޑައިގަންނަވައެވެ. އެފަދަ ބޭފުޅުންގެ ވާހަކަފުޅުތަކުން ދޭހަވާ ގޮތުގައި އެބޭފުޅުން ޤަބޫލުކުރައްވާ ފިޤުހީ ރައުޔައެއް ޤަބޫލުނުކުރާނަމަ، އަހުލުއްސުންނާއިން ބޭރުވެއެވެ. އަޅުގަނޑަށް ހީވާގޮތުން މިރައުޔައަކީ ޢާންމުންގެ މެދުގައި އޮތް ރައުޔައެކެވެ. މިއީ ދީނުގެ ޢިލްމު އުގެނިވަޑައިގަންނަވާ ބޭފުޅަކު ޤަބޫލުކުރައްވާނެ ރައުޔައެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އެހެނީ އެބޭފުޅުންނަށް އަހުލުއްސުންނާގެ ޙަޤީޤަތް އެގިވަޑައިގަންނަވާނެއެވެ.

އަހުލުއްސުންނާއަކީ ޢަޤީދާގެ ކަންކަމުގައި ވަކި ގޮތަކަށް ތަބާވާ ޖަމާޢަތަކަށް ކިޔޭނަމެކެވެ. މިޖަމާޢަތުގެ ޢިލްމުވެރިންގެ މެދުގައި އޮންނާނީ މައިގަނޑު އެއް ޢަޤީދާއެކެވެ. އެހެންނަމަވެސް އެބޭފުޅުންގެ މެދުގައި ފިޤުހީ ޚިލާފުތެކެއް ހުރުން އެކަށީގެންވެއެވެ.

މިސަބަބަށްޓަކައި އަހުލުއްސުންނާގެ މަޝްހޫރު ހަތަރު މަޛުހަބުގެ ވާހަކަދެކެވެއެވެ. އެހަތަރު މަޛުހަބަކީ ޙަންބަލީ މަޛުހަބާއި ޙަނަފީ މަޛުހަބާއި މާލިކީ މަޛުހަބާއި ޝާފިޢީ މަޛުހަބެވެ. މިމަޛުހަބުތަކަކީ މައިގަނޑު ދެމަދުރަސާއަކަށް ނިސްބަތްވާ މަޛުހަބުތަކެކެވެ. އެއީ އަހުލުއް ރައުޔާއި އަހުލުލް ޙަދީސްއެވެ. އެހެންކަމުން މިހަތަރު މަޛުހަބުގެ ބޭފުޅުންނަކީވެސް އަހުލުއްސުންނާ ވަލްޖަމާޢާގެ ބޭފުޅުންކަމަށް ބެލެވެއެވެ.

އަދިވެސް ފާހަގަކުރަން ޖެހޭކަމެއް އެބައޮތެވެ. ފިޤުހުގައި އަހުލުއްސުންނާއަށް ނިސްބަތްވުމަށް އޮތް ޝަރުޠަކީ އެންމެ ޝަރުޠެކެވެ. އެއީ ކީރިތި ޤުރުއާނާއި މޫރިތި ސުންނަތް އެއީ އިސްލާމީ ފިޤުހުގެ މައިގަނޑު ދެމަޞްދަރުކަމުގައި ބަލައިގަތުމެވެ. އެއަށްފަހު އިޖުމާޢާއި ޤިޔާސެވެ. ޝިޢީންގެ ގާތުގައި ޤުރުއާނާ އެއްހަމައެއްގައި އެމީހުންގެ އިމާމުންގެ ބަސްތައް މަޞްދަރެއްކަމުގައި ހިމަނައެވެ. މުޢުތަޒިލާއިންގެ ގާތުގައި ބުއްދި ސުންނަތަށްވުރެ އިސްވެއެވެ. މިއީ ފިޤުހުގައި އަހުލުއްސުންނާއާއި އެހެނިހެން ޖަމާޢަތްތަކުގެ ފަރަޤެވެ. މިފަރަޤު ސާފުކޮށް އެބަފެނެއެވެ.

އަހުލުއްސުންނާއަކީ ވަކި ފިޤުހީ ވިސްނުމެއްކަމަށް ދެކި، ތިމަންމެން ނޫން އެހެން ހުރިހާ އެންމެންނަކީ އަހުލުއްސުންނާއިން ބޭރު ބައެއްކަމުގައި ޤަބޫލުކުރުމަކީ ނޭނގުމުގެ ސބަބުން ހީކުރެވޭ ހީއެކެވެ. މިހީކުރުމުގެ ނުރައްކާތެރިކަމަކީ މަޛުހަބީ ތަޢައްޞުބުވަދެ، ތިމާނޫން އެންމެންގެ މަޛުހަބުތައް ނުވަތަ ފިޤުހީ ވިސްނުނުންތައް ބާޠިލުކަމުގައި ދެކެވުމެވެ. އެހެންކަމުން މިވިސްނުން ސިކުނޑިން ފޮހެލައި އަހުލުއްސުންނާގެ ޙަޤީޤީ މާނަ ދެނެގަތުން މުހިއްމެވެ.


އަހުލުއްސުންނާއަކީ ޙައްޤުގެ މަގުގައިވާ ޢަޤީދާގެ ފިރުޤާއެކެވެ.

ފިޤުހުގައި މަޛުހަބުތައް ހުރި ބީދައިން ޢަޤީދާގެ މައްސަލަތުގައި ޚިލާފުތައް ހުރީ ފިރުޤަތަކުގެ މެދުގައެވެ. މިފިރުޤާތަކުގެ ތެރެއިން އެންމެ ފިރުޤާއެއް ފިޔަވައި ދެންހުރިހާ ފިރުޤާތަކަކި ބާޠިލް ފިރުޤާތަކެއްކަން ރަސޫލުﷲގެފާނުގެ ޙަދީސްތަކުން ސާބިތުވެއެވެ. މިދެންނެވި، ހެޔޮވެގެންވާ ރަނގަޅު ޖަމާޢަތަކީ އަހުލުއްސުންނާ ވަލް ޖަމާޢާއެވެ.

މިއީ އަހުލުއްސުންނާގެ ޙަޤީޤަތެވެ. މިވަރަކުން މައްސަލަ އެކީ ނިމި ޙައްލުވެގެންނުދެއެވެ. އަހުލުއްސުންނާއަކީ ޢަޤީދާގައި ހަމައެންމެ ފިކުރެއްތޯ ނުވަތަ ނޫންތޯ ސުވާލުކުރެވެއެވެ. މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން މައިގަނޑު ދެބައަކަށް ބެހިގެން ގޮސްފައިވެއެވެ.

މިސުވާލުގެ ޖަވާބުގައި އެއްބައި ބޭފުޅުން ވިދާޅުވީ އަހުލުއްސުންނާއަކީ ޢަޤީދާގެ ގޮތުން މިޒަމާނުގެ ސަލަފީ ޢަޤީދާ ޤަބޫލުކުރާ ޖަމާޢަތްކަމުގައެވެ. މިގޮތަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚުލް އިސްލާމް އިބްނު ތައިމިޔާއާއި އެކަލޭގެފާނުގެ ދަރިވަރު އަލްމުޙައްޤިޤު އިބްނު ޤައްޔިމާއި ފަހުގެ އެހެނިހެން ބޮޑެތި ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. މިރައުޔައަށް ބަލާއިރު އަހުލުއްސުންނާކަމުގައިވާނީ، އިހުޒަމާނުގެ ޢިލްމުލް ކަލާމް ފޮތްތަކުގައި ބަޔާންކޮށްފައިވާ ބަހުރުވައިން ޙަންބަލީންނެވެ. އިހުޒަމާނުގެ ޢިލްމުލް ކަލާމް (ޢަޤީދާގެ ޢިލްމު)ގެ ފޮތްތަކުގައި ޙަންބަލީންގެ ރައުޔަކަމަށްބުނާ ރައުޔަތަކަކީ މިހާރުގެ ޢިލްމުވެރިންގެ ބަހުރުވައިން ސަލަފީންގެ ޢަޤީދާއެވެ. މިރައުޔައަކީ މިޒަމާނުގެ ޢިލްމުވެރިންކުރެ ޙިޖާޒުގެ ޢައްލާމާ އަދި މުޖައްދިދު އިބްނު ބާޒު އާއި މިޒަމާނުގެ މުޙައްދިސް އަލްބާނީއާއި އަދިވެސް އެނޫން އެތައް މުޢުތަބަރު ޢިލްމުވެރިންނެއްގެ ރައުޔައެވެ. އަޅުގަނޑަށް އެގިފައިވާ ގޮތުން މިއީ ރާއްޖޭގެ ގިނަ ޢިލްމުވެރިންގެ ރައުޔައެވެ. އެހެންކަމުން މިރައުޔައަށް އިޙުތިރާމްކުރަމެވެ.

މިސުވާލުގެ ޖަވާބުގައި ދެވަނަ ރައުޔައަކަށް ފެންނަނީ އަޒުހަރުގެ ރައުޔައެވެ. ނުވަތަ އިހުގެ ބަހުރުވައިން ނަމަ، އަޝްޢަރީންގެ ރައުޔައެވެ. މިރައުޔައަކީ ކުރީގެ ޢިލްމުވެރިންކުރެ، ސުލްޠާނުލް ޢުލަމާއު ޢިއްޒުބިން ޢަބުދުއްސަލާމާއި އިމާމް އަބޫޙާމިދުލް ޣަޒާލީފަދަ ބައެއް ބޭފުޅުންގެ ރައުޔައެވެ. އެބޭފުޅުންގެ އަރިހުގައި އަހުލުއްސުންނާއަކީ ޢަޤީދާގެ ގޮތުން ޖުމްލަ ތިން މަޛުހަބެކެވެ. އަހުލުލް ޙަދީސް (ޙަންބަލީން ނުވަތަ ސަލަފީން)އާއި އަޝްޢަރީންނާއި މާތުރީދީންނެވެ. މިތިން ޖަމާޢަތަކީ އަހުލުއްސުންނާގެ ތެރެއިންވާ ޖަމާޢަތްތައްކަމަށް ޤަބޫލުކުރައްވައެވެ. މިރައުޔައަށް މިޒަމާނުގައި ތާއީދުކުރައްވާ ބޭފުޅުންނަކީ ޑރ.ޔޫސުފުލް ޤަރަޟާވީއާއި ޑރ.ވަހުބަތުއް ޒުޙައިލީއާއި ޑރ.ސަޢީދު ރަމަޟާނުލް ބޫޠީފަދަ ބައެއް ޢިލްމުވެރިންނެވެ. ދެވަނަ ރައުޔައަކީ އިމާމް ބިންބާޒުފަދަ ބައެއް ޢިލްމުވެރިން އަރިހުން ދަރިވަތުވެވަޑައިގަތް ޝައިޚު މުޙައްމަދު ޙަސަން ވަލަދުއްދަދޫގެ ރައުޔަވެސްމެއެވެ.

މިދެރައުޔައިގެ ތެރެއިން އަޅުގަނޑު ބޮޑަށް ޤަބޫލުކުރަނީ ދެވަނަ ރައުޔަކަމުގައި ދަންނަވަން ޖެހެއެވެ. ސަބަބަކީ އަޅުގަނޑަށް ފެންނަ ތަނުގައި މިތިން ޖަމާޢަތުގެ ބޭފުޅުންވެސް ތަބާވެވަޑައިގަންނަވަނީ ނައްޞަށެވެ. އެހެންނަމަވެސް އެނައްޞު މާނަކުރެއްވުމުގައި ޚިލާފެއް އަންނަނީއެވެ. އަދި އިސްވެދިޔަ ތަނުގައި އެކި މަޛުހަބުތަކުގެ ޢިލްމުވެރިންގެ ޢަދަދަށް ބަލާއިރު، ގިނަ ޝާފިޢީންނަކީ އަޝްޢަރީންނެވެ. އިމާމް ނަވަވީ ފަދަ ބޭފުޅުން މިލިސްޓުގައި ހިމެނެއެވެ. އަދި ޞަލާޙުއްދީން ފަދަ ޤާއިދުންވެސް ހިމަނަންޖެހެއެވެ. އަދި ގިނަ ޙަނަފީންނަކީ މާތުރީދީންނެވެ. (މިއީ އަޅުގަނޑުގެ އަމިއްލަ ރައުޔައެވެ. މިރައުޔަ ޤަބޫލުނުކުރައްވާ ބޭފުޅުންނަށް އަޅުގަނޑު އިޙުތިރާމް ކުރަމެވެ.)

އެހެންނަމަވެސް އެންމެ ޞައްޙަވެގެންވާ ޢަޤީދާގެ މަޛުހަބަކީ ސަލަފީ ޢަޤީދާއެވެ. އަދި އެންމެ ސާފު އޮޅުންބޮޅުން ނެތް ޢަޤީދާއަކީވެސް އެއީއެވެ. އެހެންކަމުން އެޢަޤީދާގައި ހިފަހައްޓައިގެން ހުރުމީ އަޅުގަނޑުގެ އެދުމެވެ. އެގޮތުގެ މަތީގައި އަޅުގަނޑުގެ ހިތް ސާބިތުކުރައްވުމަށްއެދި މާތްﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. އެއީ ޑރ.ޤަރަޟާވީ ފަދަ ބޭފުޅުންގެ މަންހަޖުވެސްމެއެވެ. އެބޭފުޅުންވެސް ތަރުޖީޙުކުރައްވަނީ މިއުޞޫލެވެ. ނުވަތަ ސަލަފީ ހަމައެވެ.

ޚިލާފުތައް އޮތުމަކީ މައްސަލައެއްނޫނެވެ!

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެންކަހަލަ ޢިލްމު އުގެނުމަށް މަސައްކަތްކުރާ މީހުންގެ މައްޗަށް އޮތީ ޚިލާފުތައް ބަލައިގަތުމެވެ. ޢިލްމުވެރިންގެ މެދުގައި ހުރި ޚިލާފުތައް ހިލުވައިލައި އެޚިލާފުތައް ފިތުނައަކަށް ބަދަލުވިޔަ ދީގެންނުވާނެއެވެ. އަހުލުއްސުންނާ ވަލްޖަމާޢާއަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބުވެސް އެކި ބޭފުޅުން ދެއްވަނީ އެކި ގޮތަށެވެ. އެހެންކަމުން އެކަންކަން ދިރާސާ ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޤަބޫލުކުރެވެނީ ޚިލާފުތައް ހުރުމަކީ އޭގެ ޒާތުގައި މައްސަލައަކަށް ނުވާ ކަމުގައެވެ.

މައްސަލައަކީ ޚިލާފުތައް ނުވަތަ ޚިޔާލުތަފާތުވުންތައް ކޯޅުމާއި ބައިބައިވުމަށް ބަދަލުކޮށްލެވުމެވެ. އެޚިލާފުތަކުގެ ރީތިކަން ނުދެމެހެއްޓުމެވެ. ފިޤުހީ ކަންކަމުގައި ވަކި ރައުޔައެއް އަހުލުއްސުންނާއަށް ނިސްބަތްކޮށްފައި އެހެން ރައުޔަތަކެއް އަހުލުއްސުންނާއިން ބޭރުކުރާއިރު، އަހުލުއްސުންނާގެ ތަނަވަސް ފުޅާކަން ހިތަށް ނުގެނެވުމެވެ. އެހެންކަމުން މިދެންނެވި ޞިފައާއި ދުރުހެލިވުމަކީ ވަރަށް މުހިއްމުކަމެކެވެ.

އިސްލާމީ ފިޤުހުގެ ތަނަވަސްކަން ފެންނާނީ އޭގެތެރެއަށް ރަނގަޅަށް ވަދެވުމުންނެވެ. އެތަނަވަސްކަމާ ބެހޭ ގޮތުން ދެތިން ބަހެއް މިތަނުގައި ދަންނަވައިލާނަމެވެ. މަޝްހޫރު ހަތަރު މަޛުހަބުތަކުގެ ތެރެއިން ކޮންމެ މަޛުހަބެއްގައިވެސް އެމަޛުހަބުތަކުގެ އެތެރޭގައި ޚިލާފުވުންތަކެއް އެބަހުއްޓެވެ. އެހެންކަމުން ޝާފިޢީ މަޛުހަބުގެ ތިން ރައުޔަ ނުވަތަ ހަތަރު ރައުޔަ އެއްމައްސަލައެއްގައި ފެނުމީ އެކަށީގެންވާ ގޮތެކެވެ. މިހެން މިވަނީ ކީއްވެގެންތޯއެވެ؟ މަޛުހަބުގެ އެތެރޭގެ ފެންވަރުގައި އިޖުތިހާދުކުރައްވާ ޢިލްމުވެރިންގެ ސަބަބުންނެވެ. މިސާލަކަށް ދަންނަވަނީނަމަ، ޝާފިޢީ މަޛުހަބުގެ އެތެރޭގައި އިޖުތިހާދުކުރެއްވި ބޭކަލުންގެ ތެރޭގައި އިމާމް ނަވަވީ ޝައިޚުލް އިސްލާމް ޒަކަރިއްޔާ އަލްއަންޞާރީ އާއި އިމާމް މާވަރުދީ ފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ. މިގޮތުން އިމާމް މާވަރުދީގެ ޙާވިލްކަބީރު ނަކަމަށް ކިޔުނު ފޮތާއި ،އިމާމް ނަވަވީގެ މަޖުމޫޢުނަމަކަށް ކިޔުނު ފޮތުގައި މިދެންނެވި ފަދަ އިޖުތިހާދުތައް ފެންނަން އެބަހުއްޓެވެ. އަދި އޭގެފަހުން ޙުއްޖަތުލް އިސްލާމް އަބޫޙާމިދުން ޣަޒާލީވެސްވަނީ މަޛުހަބުގެ ތެރެއަށް އައުރައުޔަތަކެއް އުފަންކޮށްދެއްވާފައެވެ. މިހިރަ ކަންކަމުން އެގެނީ އިސްލާމީ ފިޤުހުގެ ތަނަވަސްކަމާއި މުއްސަނދިކަން ނޫންބާވައެވެ؟

ދިވެހި ރާއްޖޭގައި އަހުލުއްސުންނާ!

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތީ އަހުލުއްސުންނާގެ އުޞޫލުތައްކަމަށް ޤަބޫލުކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ހަމައަށް ބަލާއިރު އުދަގޫކަމެއްނޫނެވެ. އެހެންނަމަވެސް މިހާރަކަށް އައިސް، އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންގެ ވާހަކަފުޅުތަކުން ދޭހަވަނީ ދިވެހިން ކުރިން ތިބީ އަހުލުއްސުންނާގެ މަތީގައި ނޫންކަމަށެވެ. އަދި މިހާރުވެސް ދިވެހިންގެ ތެރެއިން ގިނަ އަޚުންނާއި އުޚުތުންނަކީ އަހުލުއްސުންނާއިން ބޭރު ބައެއްކަމަށެވެ. މިއީ ކުށް ވިސްނުމެކެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ޢަޤީދާއަކީ އަހުލުއްސުންނާގެ ޢަޤީދާއެވެ. އަދި ފިޤުހަކީ އެއްޒަމާނެއްގައި އިމާމް މާލިކުގެ މަޛުހަބެވެ. އޭގެ ފަހުން އިމާމް ޝާފިޢީގެ މަޛުހަބެވެ. މިދެމަޛުހަބަކީވެސް އަހުލުއްސުންނާއަށް ނިސްބަތްވާ ދެމަޛުހަބެވެ. އެހެންކަމުން ދިވެހިންގެ ޢަޤީދާއަކީ އަދި ފިޤުހަކީ އަހުލުއްސުންނާގެ ފިޤުހެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ފެތުރިފައިވާ ސަލަފީ ވިސްނުމުގެ ތެރޭގައި ހުރި ބައެއް ޚިޔާލުތަފާތުވުންތަކުގެ ވާހަކަ ބަޔާންކުރުމުން، އޭގެތެރެއިން ދެބައެއް ނުވަތަ އެއްބައެއް އަހުލުއްސުންނާއަށްވެފައި ބާކީ ތިބި އެންމެން އަހުލުއްސުންނާގެ ތަނަވަސްކަމުން ބޭރުކޮށްލެވެނީ ޢިލްމުގައި ކުޑަ އުނިކަމެއް ހުރީތީ ނޫންބާވައެވެ؟

މިހެން މިދެންނެވީ މިހުރިހާ ޖަމާޢަތެއްގެވެސް ޢަޤީދާއަކީ ހަމައެކައްޗެކެވެ. މަޝްހޫރު އެސްއެސްގެ ޢަޤީދާއާއި ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިންގެ ޢަޤީދާގައި ފަރަޤެއްނެތެވެ. އެއީ ހައްތަހާވެސް ސަލަފީންނެވެ. އެހެންނަމަވެސް ފިޤުހީ ބައެއްކަންކަމުގައި ތަފާތުތަކެއް ހުރީއެވެ. ބަލައިގަންނަ ޢިލްމުވެރިންގެ ލިސްޓު ތަފާތީއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ކޮންމެ ޢިލްމުވެރިއަކަށް ތަބާވިއަސް ހިއްސާކުރާ ޢަޤީދާ ބަދަލުނުވާނަމަ، އެފަރާތެއް ހިމެނޭނީ އަހުލުއްސުންނާ ނުވަތަ ސަލަފިއްޔަތުގެ ތެރެއިންނެވެ.

ފިޤުހީ މައްސަލަތަކުގައި ހަރުކަށިނުވުން...!

ފިޤުހީ މައްސަލަތަކުގައި ޚިލާފުހުރުމަކީ އަޅުގަނޑުމެންނާ ހަމައަށް ވާރުތަވަމުން އައިސްފައިވާ އިސްލާމީ ތަރިކައެއްކަން އިސްލާމީ ފިޤުހު ދިރާސާކުރައްވާ ކޮންމެ ފަރާތަކަށްމެ އެގިވަޑައިގަންނަވާނެއެވެ. އެހެންކަމުން އެޚިލާފުތަކުގައި ހަރުކަށިވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަންކަމުގައި މެދުމިން، ހަމަޖެހޭ އުޞޫލުތަކެއް ގެންގުޅުން މުހިއްމެވެ.

އިމާމް ޝާފިޢީ އިމާމް އަބޫޙަނީފާގެ ޙައްޤުގައި ވިދާޅުވެފައިވެއެވެ. މިބިމުގެ އަހުލުވެރިންވަނީ ފިޤުހުގައި އިމާމް އަބޫޙަނީފާއަށް ދަރަނިވެރިވެގެންނެވެ. އާދޭހެވެ. އެހެން އެވިދާޅުވީ އެދެބޭފުޅުންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް އެގިވަޑައިނުގެން ހުންނަވައެއްނޫނެވެ. އެކަލޭގެފާނުގެ އުންމުނަމަކަށް ކިޔުނު ފޮތުގައި ޙަނަފީ މަޛުހަބުގެ މަޞްދަރެއްކަމުގައިވާ އިސްތިޙުސާން ޙުއްޖަތެއްކަމުގައި ނުބެލެވޭނެކަން ސާބިތުކޮށްދެއްވުމަށް ބާބެއް ޚާއްޞަކުރެއްވިއެވެ. މިކަމުން އެގެނީ ބައެއް އަސާސީ މަޞްދަރުތަކާމެދު ޚިލާފުވުމާއެކުވެސް، އެއްބޭފުޅަކު އަނެއްބޭފުޅަކަށް އިޙުތިރާމްކުރެއްވިކަމެވެ.

އަޅުގަނޑުމެންނަށް މިއުޅެނީ ދަޢުވަތު ދިނުމުގެ ވަސީލަތަކާމެދު، ނުވަތަ ސިޔާސާ ޝަރުޢިއްޔާ (އިސްލާމް ދީނުގައި ސިޔާސަތުގެ ޢިލްމު)ގެ ހުކުމަކާމެދު ޚިލާފުވެވޭ ދަނޑިވަޅުގައި އެއްބަޔަކު އަނެއްބަޔަކު ދީނުން ބޭރުކުރާ ހިސާބުގައެވެ. މިކަމާމެދު ސަމާލުވެ، އިޚުތިލާފުވުމުގެ އަދަބުތައް އުގެނި ދަސްކުރަން އެބަޖެހެއެވެ. އެގޮތުން މިމައުޟޫޢުގައި ޝައިޚުލް އިސްލާމް ލިޔުއްވާފައިވާ ރަފްޢުލް މަލާމި ޢަން އައިއްމަތިލް އަޢުލާމް މިފޮތް ކިޔައިލުމަކީ ޢިލްމުވެރިވާން އުޅޭ ކޮންމެ މީހަކުވެސް ކުރުން މުހިއްމުކަމެކެވެ.

މިވާހަކަ މިގޮތަށް ދަންނަވާއިރަށް ތިމަން އިމާމް އަބޫޙަނީފާއަށް އިޙުތިރާމް ކުރާކަމަށް ބުނެއެވެ. އެކަމަކު އިމާމްގެ ފަހުން ވަޑައިގަތް ބޭފުޅުންގެ ތެރެއިން އިމާމްގެ މަންހަޖަށް ތަބާވެވަޑައިގަންނަވާ ބޭފުޅުންނަށް އިޙުތިރާމް ނުކުރުމުން މިކުރެވެނީ ކޮންކަމެއްތޯއެވެ؟ މިއީ ހަމަ ޢިލްމުވެރިންގެ ޤަދަރުކުޑަކުރެވެނީ ނޫންތޯއެވެ؟

މަޛުހަބީ ތަޢައްޞުބާއި ތަޤުލީދުކުރުން....!

މަޛުހަބީ ތަޢައްޞުބަކީ ކޮބައިތޯއެވެ؟ ތަޤުލީދުކުރުމަކީ ކޮބައިތޯއެވެ؟ މިދެކަމުގެ ފަރަޤަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންގެ ޙަޔާތުގައި މިދެކަމުގެ އަސަރުކުރުވުން ހުރީ ކޮން މިންވަރަކަށް ހެއްޔެވެ؟

ތަޤުލީދުކުރުމަކީ ތިމާގެ ކިބައިގައި ޢިލްމީ ކަންކަމުގައި ބަޙުސްކޮށް އިޖުތިހާދުކޮށްހެދޭނެ ފެންވަރު ނެތަތީ އިތުބާރުކުރެވޭ ޢިލްމުވެރިއެއްގެ ރައުޔައަށް ތަބާވުމެވެ. މިހެންމިކަން ކުރަންޖެހެނީ ޢާންމުންނަށެވެ. ޖުމްހޫރު ޢިލްމުވެރިން ނުވަތަ ގިނަ ދަންނަބޭކަލުންގެ އަރިހުގައި މިކަން މިގޮތަށް ކުރުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް އިމާމް ޝައުކާނީފަދަ އިމާމް އިބްނުޤއްޔިމް ފަދަ ބައެއް ބޭފުޅުން އެކަމާ ދެކޮޅު ހައްދަވައެވެ. އަޅުގަނޑު ޤަބޫލުކުރާ ހަމައިން ދަންނަވަނީނަމަ، ޢާންމުންނަށް އޮތީ ތަޤުލީދުކުރުމެވެ. މައްސަލައެއްގައި ކަން އޮތް ގޮތެއް ހޯދައި ބަލައި އޭގެ އައިސްފައިވާ ދަލީލުތައް ޞައްޙަތޯ ނުވަތަ ނޫންތޯ ބެލުމަކީ ކޮންމެ ކޮންމެ މީހަކަށްކުރެވޭނެކަމެއް ނޫނެވެ.

އަޅުގަނޑަށް ފެންނަ ތަނުގައި ރާއްޖޭގެ ގިނަ ޢިލްމުވެރިންވެސް ކަންތައް ކުރައްވަނީ މިދެންނެވި ގޮތަށެވެ. ވަކި ޢިލްމުވެރިންތަކެއްގެ ރައުޔަ ޤަބޫލުކުރައްވަނީ އެބޭފުޅުންގެ ޙުއްޖަތްތައް ޤަބޫލުކުރައްވާތީއެވެ. އަމިއްލައަށް އެޙުއްޖަތްތަކާމެދު ދިރާސާތައް ކޮށް އެދިރާސާތަކުގެ މައްޗަށް ނިންމުމެއް ނިންމަވަނީ މަދު ބޭފުޅެކެވެ. ފަހަރުގައި މިއީ އަޅުގަނޑަށް އޮޅިފައިވާކަމެއްކަމުގައިވުން އެކަށީގެންވެއެވެ.

ދެން އޮތީ މަޛުހަބީ ތަޢައްޞުބެވެ. އެއީ ތިމަން ޤަބޫލުކުރާ ރައުޔައަށް ހުސްވުމެވެ. އެހެން ރައުޔަތަކުގެ އަހުލުވެރިންނަށް އިޙުތިރާމް ނުކުރުމެވެ. ތިމާގެ ވިސްނުމާއި ފިކުރަކީ އެންމެ ރަނގަޅު ފިކުރުކަމުގައި ޤަބޫލުކުރެވުމެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދާ ބަލިމަޑުކަމެކެވެ. ތިމާ ޤަބޫލުކުރާ ރައުޔައެއް ނޫން އެހެން ރައުޔައަކަށް އިޙުތިރާމް ނުކުރުމެވެ. އިޙުތިރާމްކުރުމުގެ މާނައަކީ ރައްދު ނުދިނުމެއްނޫނެވެ. އެކަމަކު ރިވެތި އުސްލޫބުން ރައްދު ދިނުމެވެ. ޒާތީ ނުވުމެވެ. އަނެކުންގެ ޤަދަރުކުޑަކޮށް ނުލުމެވެ. އޭނާއާ ތިބާ ޚިޔާލުތަފާތުވާކަންތައްތައް ނަގައި ނިއުޅާއިރު، އެއްބަސްވެވޭކަންކަން ހަނދާން ނައްތައިލައިގެންނުވާނެ ނޫންތޯއެވެ؟ މައްސަލައަކީ އެއްބަސްވެވޭ ހުރިހާކަމެއް ހަނދާން ނެތުމެވެ. ހަނދާން ހުންނަނީ ޚިޔާލުތަފާތުވާ މަދު ކަންތައްތަކެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ނަފްރަތާއި ހަމަނުޖެހުން އުފެދެނީ މިތަޢައްޞުބުގެ ސަބަބުންނެވެ. އެހެންކަމުން އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ވިސްނަންވީ މިތަޢައްޞުބުން އެއްކިބާވުމަށެވެ. ޚިލާފުތައް ބަލައިގަނެ ޚިޔާލުތަފާތުވުންތަކަށް ފުރުޞަތު ދިނުމަށެވެ. އެއީ ދީނުގެ މަޞްދަރުތަކުގެ ތެރެއިން މަޞްދަރެއްގެ މައްޗަށް ބިނާކުރެވިފައިވާ ރައުޔަތަކެއްނަމަ، އެއަށް ރައްދުދޭނީ ޢިލްމީ ހައިންނެވެ. އެހެންނޫނީ ޒާތީ ތަޢައްޞުބުގެ އޮއިވަރެއް މުޖުތަމަޢުގައި އުފެދިދާނެއެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތްﷲގެ ތަނަވަސް ރަޙުމަތުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ. އަދި އެކަލާނގެ ދީނަށް ނަޞްރު ދިނުމުގައި އަޅަމެންގެ ފައިތަކާއި ހިތްތަކާއި ގަލަންތައް ސާބިތުކުރެއްވުމެވެ. އުންމަތުގެ ތެރެއިން ބައިބައިވުން ނައްތައިލުމަށް ކުރެވޭ މަސައްކަތް ކާމިޔާބުކޮށްދެއްވުމެވެ. އިސްލާމީ ފިޤުހުގެ ޙަޤީޤީ ފޮނިކަމާއި ރާޙަތު މިއަޅާއަށް ދެއްކެވުމެވެ. އަދި މިމަސައްކަތް ޤަބޫލުކުރެއްވުމެވެ
މިޒަމާނަކީ އިންސާނީ ބުއްދިޔާއި ކުޅެލުމުގެ ޒަމާނެކެވެ. ފިކުރާއި ވިސްނުން ބަދަލުކުރުމުގެ ޒަމާނެވެ. މީސްތަކުންގެ ޢަޤީދާ އޮޅުން ބޮޅުންކޮށް ވިއްސިވިހާލިކުރުމުގެ ޒަމާނެވެ. މިފަދަ ޒަމާނެއްގައި އަޅުގަނޑުމެން މުސްލިމުންގެ ވިސްނުމާއި ކުޅެލައި، ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި އިސްލާމްދީނުގެ އަގު ވައްޓައިލުމަށް ކުރެވޭ މަސައްކަތުގައި، ހުޅަނގުން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ އިސްލާމްދީނުގައި އަންހެނުންނަށް ލިއްބައިދީފައިވާ ޙައްޤުތަކެވެ. އަދި ލިއްބައިދީފައިނުވާކަމަށް އެއުރެން ޤަބޫލުކުރާ ޙައްޤުތަކެވެ.

އިސްލާމް ދީނުގައި އަންހެނާގެ މަޤާމަކީ ކޮބައިތޯއެވެ؟ އޭނާއަށް ޙައްޤުވެގެންވަނީ ކޮން ދަރަޖައެއްތޯއެވެ؟ އިސްލާމީ ވެއްޓެއްގައި އަންހެނާއަށް ލިބިފައިވާ އިޤުތިޞާދީ މާލީ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ މިއީ ހުޅަނގުން ކުރިމަތިކުރުވާ ސުވާލުތަކެވެ.

މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި، އިސްލާމްދީން އައުމުގެ ކުރީގައި އަންހެނާގެ މަޤާމަކީ ކޮބައިތޯ ބަލައިލަންޖެހޭނެއެވެ. އެއިރުގެ އެކި ޙަޟާރަތްތަކުގައި އަންހެނާއާ މުޢާމަލާތް ކޮށްފައިވާގޮތާއި، އިޖުތިމާޢީ ގޮތުން ދީފައިވާ ޙައްޤުތަކުގެ އިމަކީ ކޮބައިތޯ ބަލައިލަން ޖެހެއެވެ. އިސްލާމް ދީން އައުމަށްފަހު އިސްލާމީ ވެށީގައި އަންހެނާގެ މަޤާމަށް އައި ބަދަލުތަކަކީ ކޮބައިކަން އެގޭނީ މިމާޒީ ދެނެގަނެގެނެވެ.

އިސްލާމް ދީން ބައިވައިލެއްވުނީ ޖާހިލު ޢަރަބީންގެ ތެރެއަށެވެ. އެއުރެންނަކީ ލިޔަންކިޔަން ނުދަންނަ ބައެކެވެ. ބަދަވީންތަކެކެވެ. އެމީހުންގެ މެދުގައި އަންހެނާއަށް ދިރިހުރުމުގެ ޙައްޤުވެސް ލިބިފައިނޯވެއެވެ. އަންހެންކުއްޖަކު ލިބުމާއެކު އެކުއްޖާ ވަޅުލާން އަވަސްވެގަންނަނީ އެކުއްޖާގެ ބައްޕައެވެ. އެކުއްޖާ ރޯރުއިމުގެ އަޑުއެހުމެއްނެތިއެވެ. އެކުއްޖާގެ މަޢުޞޫމް ހިތުގެ އުދާސްތަކަށް އިޙުތިރާމްކުރުމެއްނެތިއެވެ. އާއެކެވެ. ފަސްގަނޑުގެ އަޑިއަށް އެކުއްޖާލަނީ ރަޙުމެއް ހަމްދަރުދީއެއްނެތިއެވެ. މިހެން ކަންކަންވަމުން ދަނިކޮށް އިސްލާމްދީން އައިސް އަންހެން ކުދިން ދިރިތިއްބައި ވަޅުލުން ޙަރާމްކުރައްވައ، އެކަން ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނުއްވިއެވެ. އަދި ކީރިތި ޤުރުއާނުގައި އަންހެންކުއްޖެއް ލިބުނުކަމުގެ ޚަބަރަކީ އުފާވެރި ޚަބަރެއްކަމުގައި މާތްﷲ ޞިފަކުރައްވާފައިވެއެވެ. އާއެކެވެ. ޖާހިލިއްޔަ ޒަމާނުގެ ނުބައި އެއާދައަށް ނިމުމެއް ގެންނެވިއެވެ.

އަންހެނުން ވަޅުލުމުގެ އިތުރުން އަންހެނުންނަށް ޢާއިލާތަކުގެ ތެރޭގައި ދެވިފައިވަނީ ވަރަށް ނިކަމެތި މަޤާމެކެވެ. ހަރު މުދަލެއް ފަދައިން ވާރުތަކުރެވެމުން ދިޔައެވެ. ބައްޕަގެ އަނބިން އެންމެ ދޮށީ ފިރިހެން ދަރިފުޅަށް ވާރުތަވަމުން ދިޔައީ އެކަނބަލުންގެ ރުހުމެއްނެތިއެވެ. މިހެން މިކަން ހިގަމުން ދަނިކޮށް އިސްލާމްދީން އެކަންވެސް މަނާކުރައްވައި، ޢަރަބި މުޖުތަމަޢުގައި އަންހެނާއަށް ފުރަތަމަ ފަހަރަށް އިންސާނެއްގެ މަޤާމް ހޯދައިދިނެވެ. މިއީ އިންކާރުނުކުރެވޭނެ ޙަޤީޤަތެކެވެ. އަންހެނުން ވާރުތަނުކުރުމަށް އަންގެވީ އިސްލާމް ދީނެވެ.

އަންހެނުންނަށް ޢަރަބި މުޖުތަމަޢުތަކުގައި ލާންޖެހިފައިވަނީ ނިކަމެތިކަމުގެ ފޭރާމެކެވެ. ކާވެންޏަށް ފަހުގައި އަންހެންމީހާއަކީ ފިރިމީހާގެ އަޅެކެވެ. އެހެންނަމަވެސް އިސްލާމީ ޢާއިލާ ބިނާވެގެންއައީ އެހެނެއްނޫނެވެ. އަންހެން މީހާއަކީ ދަރިން ތަރުބިއްޔަތުކުރާ މީހާއެވެ. އޭނާގެ ބެލެހެއްޓުންތެރި ބަލަދުވެރިޔަކީ ފިރިހެން މީހާއެވެ. މިބަލަދުވެރިކަމަކީ އެއްވެސް ޙާލެއްގައި އަންހެންމީހާ ނިކަމެތިކުރާ ކަމެއްނޫނެވެ. އެހެންނަމަވެސް މިބަލަދުވެރިކަމަކީ އޭނާއަށް ފުރިހަމަ ޢިނާޔަތްތެރިކަމެއް ފޯރުކޮށްދޭ ބަލަދުވެރިކަމެކެވެ. ޙިމާޔަތެއް ހޯދައިދޭ އަމާން ހިޔަލެކެވެ.

ޢަރަބީންގެ މެދުގައި އިހުއްސުރެ އޮންނަ އުޞޫލަށް ބަލާއިރު އަންހެނުންނާ ކާވެނި ކުރުމަށްފަހު އެކަނބަލުންނަށް އެކާވެނީގައި ބަސްބުނުމުގެ ޙައްޤެއް ނޯވެއެވެ. އިސްލާމް ދީނުގެ ތަނަވަސް ހިޔަލުގައި އަންހެނާއަށް ބަސްބުނުމުގެ މިނިވަންކަން ހޯދައިދިނެވެ. އަދި އަންހެނާއަށް ކާވެނީގެ މާތް ގުޅުމުގެ ތެރޭގައި ކެތްނުކުރެވޭނެނަމަ ޚުލްޢުވަރިއަކުން ވަރިވުން، ނުވަތަ ޝަރުޢީ މަޙުކަމާއެއް މެދުވެރިކޮށް ކާވެނި ފަސްޚުކުރުން ހުއްދަކުރެއްވިއެވެ. މިއީ އިސްލާމީ ޝަރީޢަތުގެ ތަނަވަސް ހިޔަލުގައި އަންހެނުންނަށް ލިބުނު މިނިވަންކަމެވެ. އަންހެނުންނަށް ފޯރުކޮށްދިން ޙައްޤުތަކެވެ.

އިޤުތިޞާދީ މިނިވަންކަމުގެ ވާހަކަ ދައްކާނަމަ، ދުނިޔޭގެ އެއްވެސް ނިޒާމެއްގައި އަންހެނާއަށް ލިއްބައިދީފައިނުވާ މިންވަރަށް އިސްލާމްދީނުގައި އަންހެނާއަށް އެޙައްޤުތައް ފޯރުކޮށްދިނެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގައި އަންހެނާ ބޭނުންވެއްޖެ ހިދެއްގައި، އިސްލާމީ އިމުގެ ތެރޭގައި، މަސައްކަތްކޮށް މުދާ ހޯދުން ހުއްދަކުރެއްވިއެވެ. އަދި އެއާއެކު، އޭނާއަކީ އެހެން މީހެއްގެ މައްޗަށް ނުވަތަ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ޚަރަދުކުރަން ނުޖެހޭ މީހެއްކަމުގައި ލެއްވިއެވެ. ދަރިއެއްގެ ގޮތުގައި ހުންނައިރު ބައްޕަގެ މައްޗަށް އޭނާއަށް ޚަރަދުކުރުން ލާޒިމުކުރެއްވިއެވެ. އަދި އެއަށް ފަހު ބޮޑު ބޭބެއިންނާއި އެއްބަނޑު އެއްބަފާ ފިރިހެނުންނާއި ކާވެންޏަށްފަހު ފިރިމީހާގެ މައްޗްށް އެކަން ލާޒިމުކުރެއްވިއެވެ. ކުރުކޮށް ދަންނަވަނީނަމަ، އޭނާއަށް މާލީ މިނިވަންކަން އޭގެ އިމެއްނެތް ގޮތުގައި ހޯދައިދެއްވިއެވެ.

ހުޅަނގުގެ އަހުލުވެރިންގެ މެދުގައި އިސްލާމީ އަންހެނާގެ ތަޞައްވަރުވަނީ ކިލަނބުވެފައެވެ. ހުޅަނގުގެ މީޑިޔާއިން ދައްކައިދޭ އިސްލަމީ އަންހެނާއަކީ ނިކަމެތިވެފައިވާ އަންހެނެކެވެ. އޭނާގެ ޙައްޤުތަކުން މަޙުރޫމުވެފައިވާ އަންހެނެކެވެ. އެކަމުގައި އެމީހުން އަމާޒުފަތްގަނޑަކަށް ހަދަނީ ބުރުގާއެވެ. ނުވަތަ ޙިޖާބެވެ. ނޫނީ މޫނު ބުރުގާއެވެ.

ސުވާލަކީ މޫނުބުރުގާއަކީ އަންހެނާ ނިކަމެތި ކުރުވާ ހެދުމެއްތޯއެވެ؟ ނޫނީ އަންހެނާގެ އުފާތަކަށް ހުރަސް އަޅާ ހެދުމެއްބާވައެވެ؟ އިހަށް މިސުވާލުތައް އެއްފަރާތް ކޮށްލަމާތޯއެވެ؟ އެއަށްފަހު މޫނު ބުރުގާ އަޅައިގެން ހުންނަ މުސްލިމް އަންހެނަކާމެދު ވިސްނައިލަމާތޯއެވެ؟ އޭނާ ބޭނުންވަނީ އޭނާ ލޯބިވާ ފިރިމީހާ ފިޔަވައި އެހެން މީހުންގެ ލޯތަކަށް މުޅި ހަށިގަނޑު ފޮރުވާށެވެ. އޭނާގެ ރީތިކަމާއި ޒީނަތްތެރިކަން ހަމައެކަނި އޭނާގެ ހަންހާރަވެތި ފިރިމީހާއަށް ޚާލިޞްކުރާށެވެ. މިގޮތަށް ވިސްނައިފިނަމަ، މޫނު ބުރުގާއަކީ ވަރަށް ޢިޝްޤީކަމެއްކަމުގައި ޞިފަވާނެއެވެ. މުސްލިމު އަންހެނުންގެތެރެއިން ބުރުގާ ނުވަތަ މޫނު ބުރުގާ އަޅާ އަންހެނުން އެހުދުން އަޅަނީ އެކަނބަލުންގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިވުމަށެވެ. އެއާއެކު، އެކަނބަލުންގެ ވަނާތަކާއި ޖިސްމާނީ ފަރިކަން އެކަނބަލުންގެ ފިރިންނަށް ޚާލިޞްކުރުމަށެވެ. މިކަމުގައި އެކަނބަލުންގެ ޙައްޤުތަކަށް އުނިކަމެއް އެބަލިބޭތޯއެވެ؟

އަންހެނުންނަކީ އިސްލާމް ދީނުގައި ގޭގައި ތިބެން ޖެހޭ ބައެއްކަމަށް ކަނޑައަޅައިފައިވާތީ، އެއީ އަންހެނުންގެ އިޖުތިމާޢީ، ޙައްޤުތަކަށް ހުރަސްއެޅުންކަމަށް އިނގެރޭސި މުސްތަޝްރިޤެއްކަމުގައި ކާލް ޑިއެޓު ބުނެފައިވެއެވެ. އެއީ ތެދުވާހަކައެއް ބާވައެވެ؟ އިސްލާމީ ފިޤުހުގައި އަންހެނާއަށް ޙާޖަތެއްނެތި ގެއިން ނުކުތުން ހުއްދަކުރައްވާފައިނުވުމަކީ އެކަނބަލުން ނިކަމެތި ކުރުންތޯއެވެ؟ ނުވަތަ އެކަނބަލުންގެ މިނިވަންކަން ހިފެހެއްޓުންތޯއެވެ؟ ނޫނެކެވެ. އެއީ އެކަނބަލުންނަށް، ރައްބާނިއްޔަ ވަޒީފާއެއް ޙަވާލުކުރެއްވުމެވެ. އެކަނބަލުންނަށް އިސްލާމީ ޢިލްމުވެރިން ދެއްވާ ލަޤަބަކީ "ޞާނިޢާތުލް އުމަމް"ގެ ލަޤަބެވެ. މާނައަކީ އުންމަތްތައް އުފައްދާ ކަނބަލުންނެވެ. އެކަނބަލުން އުންމަތްތައް ބިނާކޮށް އާރާސްތުކުރަނީ އެކަނބަލުންގެ ގޭތެރޭގައެވެ. ހެޔޮލަފާ ޖީލުތަކެއް އުފައްދައިދީގެންނެވެ. އެކަނބަލުންގެ ކިބައިން އުންމަތަށް ހެޔޮ ވަންހައެއް އިތުރުކޮށްދީގެނެވެ. އެހެންކަމުން އެކަނބަލުން ގޭގައި ތިބުމަކީ އެކަނބަލުންނަށް ދެވޭ ޝަރަފެކެވެ. ޢިއްޒަތެކެވެ.

އިސްލާމީ އަންހެނެއްގެ މިސާލަކީ ފިނިފެންމަލެއްގެ މިސާލެވެ. އެމަލުގެ ވަށައިގެން ހުރި ކަށިތަކާއި ފަތްތައް އެމަލަށް ޢިނާޔަތްތެރިވެ، ޙިމާޔަތްދެއެވެ. އެމަލުގެ އަގު ބޮޑުވާނެއެވެ. އެމަލުން ދުވާނީ މީރުވަހެވެ. އެއީ އަގެއްހުރި މަލެކެވެ. އެމާ ލިބޭނީވެސް އުދަގުލުންނެވެ. އެމާ ލިބޭނީ ޙަޤީޤީ ބާއްޖަވެރިންނަށެވެ.

އާއެކެވެ.

ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ

ހީލަމުން އެންމެން ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ

ފީނަމުން ނެގުމުން އެއަގުނާރާނެ ރަންމުތަކީ ކޮބާ

ދީނުގައި ލޮބުވެތިވި އުޚުތާ މީގެ ޢިބުރަތަކީ ކޮބާ
މަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިގައިގަތީމެވެ. ރުހުނަސް ނުރުހުނަސް އެމަގުން ހިގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް ވެސް އަހަންނަކަށް ނޭނގެ އެވެ."

މިއީ މިދުނިޔެއަށް އަހަރުމެން ފޮނުއްވި ސަބަބު ނުދަންނަ ބައަކު މިދުނިޔޭގެ ދިރިއުޅުމާ މެދު ގެންގުޅެފާނެ ފަލްސަފާއެކެވެ. އެކަމަކު މި ފިކުރަކީ އިސްލާމީ އުޞޫލުތަކަށް ބޯލަނބާ، އިސްލާމްދީން ޤަބޫލުކުރާ ބަޔަކު ޤަބޫލުކުރުން ހުއްދަވާނެ ފިކުރެއްނޫނެވެ.

ހިތާމައަކީ އަހަރުމެންގެ ތެރެއިން ގިނަ ޒުވާނުންގެ ފިކުރަކީ އީލިޔާ އަބީ މާޟީގެ ފިކުރު ފަދަފިކުރަކަށްވީކަމެވެ. ގޯޅިގޯޅި ކަންމަތިތަކުގައި ސަކަރާތް ޖެހުމުގައި ރޭދުވާ ހޭދަކޮށްލުމަކީ ޒުވާނުންގެ އާދައެއްކަމުގައިވެއްޖެ އެވެ. ދިރިއުޅުމުގެ އަމާޒަކީ ކޮބައިކަން މި އަދުމިވަނީ އޮޅިފައެވެ. ކެފޭތަކުގައި ކޮފީ މޭޒުދޮށުގައި އަނގަތަޅާލަން ތިބުމަކީ ޒުވާނުންގެ ދިރިއުޅުމުގެ މަންޒިލް މަޤުޞޫދުކަމުގައި ހީވާންޖެހިއްޖެ އެވެ. އާ ފެޝަންތަކާ އެއްގޮތަށް ތިމާގެ ބުރުޞޫރަ ބަދަލުކޮށް، އަނެއްޖިންސުގެ ޒުވާނުންގެ ހިތްތައް އަތުލެވޭނެ ގޮތަށް ތިމާ ހުރުން އެއީ ވަރަށް މުހިންމު ކަމެއްކަމުގައި މި އަދުމިވަނީ ވެފައެވެ. ޒުވާނާއެވެ. ތިބާ މިދުނިޔެއަށް ފޮނުއްވުނީ ހަމަތިޔަ ގޮތަށް އުޅެންހެއްޔެވެ؟ ތިބާ މިދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތިބާގެ ދިރިއުޅުމުގެ އަމާޒަކީ ކޮންކަމެއްހެޔެވެ؟ ތިބާގެ ލަނޑުދަނޑިއަކީ ކޮބައިހެއްޔެވެ؟ މިސުވާލުތަކަށް އެންމެ ރަނގަޅު ޖަވާބެއް ހޯދަން މިމަޒުމޫނު ނިކަން ކިޔައިލާށެވެ.
ޙަޤީޤީ ޒުވާނުން:

ޒުވާނާއެވެ. ޒުވާނުންކުރެ ޙަޤީޤީ ޒުވާނުންނަށް ބަލައިލާށެވެ.
ޢަލީ ބިން އަބީޠާލިބު: އެކަލޭގެފާނުގެ ޢުމުރުފުޅުން ވިހިއަހަރުފުޅުގައި މާތް ނަބިއްޔާގެ ދާންކޮޅުގައި ހިޖުރައިގެ ނުރައްކާތެރި ވަގުތުގައި ހޭދަ ކުރެއްވިއެވެ. ނަބިއްޔާއަށް އެކަލޭގެފާނު މި މުހިއްމު މަސައްކަތަށް އެކަށީގެންވާކަމަށް ޤަބޫލުކުރެއްވުނެވެ. އެހެންކަމުން މި ޒިންމާ އެކަލޭގެފާނާ ޙަވާލުކުރެއްވީއެވެ.
އަސްމާ ބިންތި އަބީބަރު: އެކަމަނާގެ އުމުރުފުޅުން އެންމެ ތޭވީސް އަހަރުފުޅުގައި ހިޖުރައިގައި ރަސޫލުﷲއަށް އެހީތެރިވެވަޑައިގަތެވެ. އަދި އެކަމަނާގެ ބައްޕާފުޅަށާއި ރަސޫލާއަށް ފަރީއްކޮޅު ފޯރުކޮށްދެއްވުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަތެވެ.

މުޞްޢަބު ބިން ޢުމައިރު: މަދީނާއަށް މުދައްރިސެއްގެ ގޮތުގައި ނަބިއްޔާ ފޮނުއްވީ މިކަލޭގެފާނެވެ. އެކަލޭގެފާނުގެ ޢުމުރުން ކިހާވަރެއްހެޔެވެ؟ އެންމެ އަށާރަ އަހަރެވެ.
މުޢާޛުބިން ޖަބަލު: ޔަމަނުގެ އަހުލުވެރިންގެ ތެރެއަށް ނަބިއްޔާ ފޮނުއްވި ޞަޙާބީ އެވެ. އެއިރު އެކަލޭގެފާނުންގެ ޢުމުރުފުޅުންވާނީ ކިތައްއަހަރުކަމަށް ހެއްޔެވެ؟ އެކަލޭގެފާނުގެ ޢުމުރުފުޅަކީ އެންމެ ވިހިއަހަރުފުޅެވެ.

މިޒުވާނުންނަށް ބަލައިލުމުން އެނގުނީ ކޮންކަމެއްހެއްޔެވެ؟ އޭ ޒުވާނާއެވެ. ތިބާއަކީ ވަރަށް މަތިވެރި، އަގުބޮޑު ޚަޒާނާއެކެވެ. ތިބާގެ އަގު އަމިއްލައަށް ވައްޓައިލާ އަމާޒެއްނެތި ދިރިއުޅުމުގެ ކަނޑުގެ އޮއިގައި ބެހިގެންދާ ކަނދުގަނޑަކަށް ތިބާ ތިވަނީ ކީއްވެހެއްޔެވެ؟ ޝައިޠާނާގެ ކަނޑުމަތި އެޅުމެއްގައި ހަތަރު އުދަރެސް ފެނުޖެހިގެންދަނީހެއްޔެވެ؟


އަހަރެމެން މިދުނިޔޭގައި ލެއްވުމުގެ ބޭނުމަކީ.....

އަހަރުމެން އުފެއްދެވީ ކީއްވެގެންހެއްޔެވެ. ކޮން ބޭނުމަކަށްޓަކައިހެއްޔެވެ. ހަމައެކަނި ކައިގެން ބޮއިގެން އުޅެލަންހެއްޔެވެ؟ ނުވަތަ ކާވެނިކޮށް ދަރިންހޯދުމަށްފަހު ދުނިޔެއަޅައި ދާންހެއްޔެވެ؟ ނުވަތަ އަހަރުމެން އުފެއްދެވުނީ އެއަށްވުރެ މަތިވެރި މާތް މަޤުޞަދަކަށްޓަކައިހެއްޔެވެ؟

ދުނިޔެއަށް ނޭވައިލައި މިދުނިޔޭގައި އުޅެ މަރުވެގެންދިޔަ ވަރަށް ގިނަމީހުންނަށް އެބައިމީހުން މިދުނިޔެއަށް ފޮނުއްވުނު މަޤުޞަދެއް ނޭނގެއެވެ. އެފަދަ މީހުން މި ދުނިޔެއާމެދު އެކިކަހަލަ ފަލްސަފާތަކެއް އުފަންކުރިއެވެ. މިސާލަކަށް ދަންނަވާނަމަ އަފްލާޠޫން ބުންޏެވެ. ''މާތްﷲ މި ދުނިޔެ އުފެއްދެވުމަށްފަހު މި ދުނިޔެ މަތިން ހަނދުމަފުޅުނައްތަވައިލެއްވިއެވެ. އަދި މިދުނިޔެ އިހުމާލުކުރެއްވިއެވެ.'' އަދި ހުޅަނގުގެ ޘަޤާފަތުގެ އަހުލުވެރިން ބުނެއެވެ. ''މިދުނިޔެއަކީ މަޖާކޮށްލާ އުފާކުރަން އޮތްތަނެކެވެ. މިދުނިޔޭގެ ދިރިއުޅުމުގެ ލަނޑުދަނޑިއަކީ މަޖަލާއުފާކުރުމެވެ. އަރާމު ޙާޞިލުކުރުމެވެ.''

މިދެންނެވުނީ ލަނޑުދަނޑިއެއް ނެތް ދިރިއުޅުމުގެ ފަލްސަފާއެވެ. އެންމެހާ ކަންތައްތަކުގެ އުޞޫލުތައް ހިމެނިގެންވާ ފުރިހަމަ ދީންކަމުގައިވާ އިސްލާމްދީނުގައި ދިރިއުޅުމަށް ވަނީ ލަނޑުދަނޑިއެއް ދައްކަވައިދެއްވާފައެވެ. ފުރިހަމަ ލަނޑުދަނޑިއެކެވެ. އެހެންކަމުން ބަޔާންކުރެވުނު އޮއްޓަރެއްނެތް ފަލްސަފާތަކަކީ މުސްލިމް ޒުވާނާގެ ހިތުން ޖާގަދެވިގެންވާނެ ފަލްސަފާތަކެއްނޫނެވެ. އޭޒުވާނާއެވެ. ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑި މާތްﷲވަނީ އެކަލާނގެ ފޮތުގައި ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވައެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ


މާނައީ: "އަދި ތިމަން ރަސްކަލާނގެ އިންސީންނާއި ޖިންނީން ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށްމެނުވީ ނުއުފައްދަވަމެވެ." (ޛާރިޔާތު 56)

މިއީ ތިބާގެ ދިރިހުރުމާއި މަރުގެންނެވުމުގެ ލަނޑުދަނޑިއެވެ. ތިބާ ލާކޮންމެ ނޭވާއެއް ލަނީ މި މަޤުޞަދަށްޓަކައެވެ. ﷲގެ ރުހިވޮޑިގަތުން އަދައިގެނެވެ. އެކަލާނގެ ރަޙުމަތަށް އެދިގެނެވެ.

އާނއެކެވެ. ތިބާ މިދުނިޔޭގައި އުޅެނީ މި ލަނޑުދަނޑި ޙާޞިލްކުރުމަށެވެ. ﷲގެ ރުހިވޮޑިގަތުން ހޯދާށެވެ. އޭ ޒުވާނާއެވެ. އަހަރެމެންގެ ޙަޔާތުގެ ލަނޑުދަނޑިއެއްކަމުގައި ނިކަން ބޮޑު މަންޒިލްމަޤުޞޫދެއް ނިކަން ކަނޑައަޅަމާހެއްޔެވެ؟ ﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. މިކަން ޙާޞިލުވާނީ ނިކަން ގިނަ ކަންތައްތަކެއްކޮށްގެނެވެ. އެހެނަސް އަހަރުމެންގެ ޙަޔާތުގެ އަމާޒަކީ މާތްﷲގެ ރުހިވޮޑިގަތުން ލިބިގަތުމެވެ.

މިޞްރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔަކު ކުރެން ނޫސްވެރިއަކު ސުވާލުކުރިއެވެ. "ކަލޭ ދިރިއުޅުމުގައި ޙާޞިލުކުރަން ބޭނުންވަނީ ކޮންކަމެއްހެޔެވެ؟" އެކުޅުންތެރިޔާ ބުންޏެވެ. "އަހަރެންގެ އަމާޒަކީ ސުވަރުގެ ޙާޞިލުކުރުމެވެ." ނޫސްވެރިޔާއަށް ބުނެވުނެވެ. "ނޫނެކެވެ. އަހަރެން ވާހަކަމިދައްކަނީ ކަލޭގެ ދިރިއުޅުމުގައި ކަލޭ އެދޭ ކަންކަމާމެދުގައެވެ. ކަލޭގެ ހުވަފެންތަކާމެދުގައެވެ." ކުޅުންތެރިޔާގެ ޖަވަބަކީ ހަމަކުރީގެ ވެސް ޖަވާބެވެ. "ތިމަންގެ ހުވަފެނަކީ ސުވަރުގޭގައި ވުމެވެ." އެހިސާބުން ނޫސްވެރިޔާ ބުންޏެވެ. "ތިމަންބޭނުންވަނީ ނޫހުގައި ލިޔެލާނެވާހަކައެކެވެ. (އޭނާއަށް މިލަނޑުދަނޑި ޤަބޫލުނުކުރެވުނީއެވެ.) އެންމެފަހުން ނޫސްވެރިޔާ އެހިއެވެ. "ކަލޭ ފުޓުބޯޅަ ކުޅެނީ ކީއްވެގެންހެއްޔެވެ؟" ޖަވާބުގައި ކުޅުންތެރިޔާ ބުންޏެވެ. "އަހަރެން ފުޓުބޯޅަ ކުޅެނީ ފައިސާ ހޯދާށެވެ. އެއިގެ އިތުރުން ޒުވާނުންނަށް ރަނގަޅު މިސާލެއްދެއްކުމަށެވެ. ރަނގަޅު އަޚްލާޤެއްގެ ވެރި ތެދުވެރިކަމާއެކު ﷲއަށް އަޅުކަންކުރާ ޒުވާނަކު ކުޅިވަރުގެ މައިދާނުގައި ކާމިޔާބު ހޯދާތަން ފެނުމުން އޭނާ މިސާލެއްކަމުގައި ބަލާނެ ޒުވާނުންގެ ޢަދަދުވަރަށް ގިނަވެދާނެއެވެ. އަހަރެން މިސާލެއްކަމުގައި ބަލައިގެން ރަނގަޅަށް އުޅޭ ހުރިހާ ޒުވާނުންނާ އެއްމިންވަރަކަށް އަހަރެންނަށް ސަވާބުލިބޭނެއެވެ. މިއީ އަހަރެން ފުޓުބޯޅަކުޅޭ އެންމެ މުހިއްމު ސަބަބެވެ."

އާނއެކެވެ. ތިބާ ކޮންމެ ކަމެއްކުރިޔަސް އެކަމެއް ﷲގެ ވަޖުހުފުޅަށްޓަކައި ކުރާށެވެ. އެކަމުގެ އެންމެފަހުގެ މޭވާއަކީ ﷲގެ ރުހިވޮޑިގަތުން ކަމުގައި ހަދާށެވެ. އެއީ ތިބާގެ މިދުނިޔޭގައި ލެއްވެވުމުގެ އެންމެ މުހިއްމު ސަބަބެވެ.

ބައެއް ލަނޑުދަނޑިތައް:

މުދާއެއްކުރުން: އަހުރެންގެ އަޚުންނޭވެ. މުދަލަކީ އަމާޒެއްނޫނެވެ. މުދަލަކީ ވަސީލަތެކެވެ. މަތިވެރި މާތް އަމާޒެއް ޙާޞިލުކުރުމަށް އެހީތެރިވެދޭ މަދަދުގާރެކެވެ. މުދާލިބިފައިމެ ހިތާމައިގައި އުޅެނީ މަދުބައެއްނޫނެވެ. އަހަރުމެން މުދާ ހޯދަނީ މާތް މަތިވެރި މަޤުޞަދެއް ޙާޞިލުކުރަންކަމުގައި ހަދާށެވެ. އެ މުދަލުގެ ސަބަބުން އަހަރުމެންނާއި އޯގާވަންތަ މާތްﷲއާ މެދުގައި ގުޅުމެއް އުފައްދަމާ ހިނގާށެވެ. މުދަލުގެ އެހީގައި މާތްﷲއާ ގުޅުމެއް އުފެއްދުމޭތޯއެވެ؟

އާނއެކެވެ. އަހަރެން މުދާއެއްކުރަނީ މާތް ރަނގަޅު ދިރިއުޅުމެއް އާރާސްތުކުރުމަށެވެ. އަދި ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށެވެ. އަދި މާތްﷲގެ މަގުގައި ފަޤީރުންނަށް ހޭދަކޮށް އެބައިމީހުންނަށް އެހީތެރިވުމަށެވެ. އެއިރުން އަހަރެން މުދާހޯދުމުގައި ހޭދަކުރާ ކޮންމެ ސިކުންތަކީ މާތްﷲ އަހަރެންނާ މެދު ރުއްސަވާނެ ސިކުންތެކެވެ. މިދެންނެވި ގޮތަށް ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ޚިޔާލުކޮށްލެވޭނެއެވެ. އެއީ މާ އުނދަގޫ ކަމެއްނޫނެވެ.

ކާވެނިކުރުން: ކާވެނީގައިވެސް ފޮރުވިފައިވާ އެހެން ލަނޑުދަނޑިއެއް ބާއްވަމާހެއްޔެވެ؟ ނިކަންމަތިވެރި ޤަދަރުހުރި ލަނޑުދަނޑިއެކެވެ. ތިބާގެ ނަފުސުގެ ޢިއްފަތް ހިފަހެއްޓުމެވެ. ތިބާގެ އަންހެނުންގެ އަތުގައި ހިފަހައްޓައި ކުށްފާފައިގެ އަނދަވަޅުން މިންޖުކުރުމެވެ. ﷲ ރުއްސަވާނެ ފަދަ ހެޔޮ އިސްލާމީ ގެއެއް ބިނާކުރުމަށެވެ. ތިބާ ދަތުރުކުރަނީ އަދި ނުކުންނަނީ ކަނީ ބޮނީ ﷲގެ ރުހިވޮޑިގަތުން އަދައިގެންކަމުގައި ހަދާށެވެ.

ކާވެނިކޮށް ދަރިންހޯދަންބޭނުންވާ ޒުވާން އަންހެންކުއްޖާ: ކާވެނިކުރަނީ އެހެން އަންހެނުންވެސް ކާވެނިކުރާތީހެއްޔެވެ؟ ނުވަތަ ދަރިން ހޯދަނީ އެކުދިންނާ ސަކަރާތްޖަހައިލާ މަޖާކޮށްލަން ހެއްޔެވެ؟ މިލަނޑުދަނޑިތަކަކީ ހިދުކޮޅެއްގެ ކަންތައްތަކެކެވެ. މުސްލިމު އަންހެނާގެ ލަނޑުދަނޑިއަކީ ﷲއަށް އަޅުކަންކުރާ އެކަލާނގެއަށްޓަކައި މަސައްކަތްކުރާ ޖީލުތަކެއްއުފެއްދުމެވެ. މިސަބަށްޓަކައި އޭނާގެ ދަރިން މަދުރަސާއަށް ފޮނުވާނެވެ. ކިޔަވާމޮޅު ކުދިންނަށް ވޭތޯއެވެ. އަދި އެކުދިން ޙަރަކާތްތެރި ބައެއްކަމުގައި ވުމަށްޓަކައި އެކުދިން މަދުރަސާގެ އިތުރު ޙަރަކާތްތަކުގައި ބައިވެރިކުރާނެއެވެ. މިގޮތުގައި ތިބާހުރެއްޖެނަމަ ދަރިން ތަރުބިއްޔަތުކުރުމުގައި ތިހޭދަކުރާ ކޮންމެ ވަގުތަކީ ތިބާއަށް ގިނަގުނަ ނަފާ ލިބޭނެ ވަގުތެކެވެ. އެކުދިން ފެންވަރުވައި ނަލަކޮށް ހެދުމަށް ތިބާހޭދަކުރާވަޤުތެވެ. އެކުދިންނަށް ހިތްވަރު ދިނުމުގައި ހޭދަކުރާވަގުތެވެ. ނަސޭހަތް ދިނުމުގައި ތިބާހޭދަކުރާ ވަގުތެވެ. ތިބާ އެކުދިންނާ އެކީ ހޭދަކުރާ ކޮންމެ ވަގުތެކެވެ. އެއީ އެވަގުތަކަށްޓަކައި ތިބާއަށް ސަވާބުލިބޭ ވަގުތެކެވެ.


ނިންމުން:


އޭޒުވާނާއެވެ. ދެކެވުނު ހުރިހާ ވާހަކައެއްގެ ޚުލާޞާއަކީ ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާށެވެ. އަދި އެލަނޑުދަނޑިއަކީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުންކަމުގައި ހަދާށެވެ.

މި ލިޔުން ކިޔުމަށްފަހު ތިބާގެ ލަނޑުދަނޑިތައް ލިޔެލާށެވެ. ކޮންމެ ލަނޑުދަނޑިއެއްވެސް ނިމެނީ މާތްﷲގެ ރުހިވޮޑިގަތުން ޙާޞިލުކުރުމުގެމައްޗަށް ކަމުގައި ހަދާށެވެ. ހަނދާންބަހައްޓާށެވެ. ދިރިއުޅުމުގެ އެންމެ މަތިވެރި އަމާޒަކީ އަހަރުމެން ހައްދަވައި ބަލަހައްޓަވާ ފަރާތް ދެނެގަނެ އެފަރާތުގެ ރުހިވޮޑިގަތުން ޙާޞިލުކުރުމެވެ. އާދައިގެ ގޮތަކަށް ތިބާގެ ދިރިއުޅުން ކުރިއަށް ގެންދާއިރު ތިބާގެ ކޮންމެ ޢަމަލަކީ ސަވާބުލިބެނެވި ޢަމަލެއްކަމުގައި ހަދާށެވެ. އެ ޢަމަލުތައް ﷲގެ ރުހިވޮޑިގަތުން އަދައިގެން އަދާކުރާށެވެ.
''އަހަރެންގެ ގޭގައި އެއަރ ކޯނެއް ނެތެވެ. ރަނގަޅު ފެންްވަރުގެ ކާރުގަނޑެއްހައި ހިސާބުވެސް އަތަކު ނެތެވެ. އަބަދު އުޅެން މިޖެހެނީ ވޭވް ސައިކަލެއްގަ އެވެ. ލެޕްޓޮޕު ގަތްފަހުން މި ވީ ތިން އަހަރެވެ. އައި ފޯނެއްގެ ފެންނަނީ ހުވަފެނެވެ. 2009އަކަށް އަވިއައިނާއި، ހެޔަރ ސްޓަައިލާއި ފެޝަން ބަދަލު ކޮށްލެވުނީ ވެސް އަވަށްޓެރި ވަރަށް ގިނަ ރައްޓެހީންނަށްވުރެ ފަހުންނެވެ. މި ބަދުނަސީބުކަމުގެ ޝަކުވާ އިން ސަލާމަތްވެވޭނީ ކޮން އިރަކުންބާވައެވެ؟''


ޝުކުރު ކުރުމާއި ދުރުގައިވާ އަޅުގަނޑުމެންގެ ލޯތަކުން ދުނިޔޭގެ އެހެނިހެން ބައެއް އިންސާނުންގެ ޙާލު ބަލައިލަމާތޯއެވެ؟ ތަފާސް ހިސާބުތަކުގެ އެހީގައި އިންސާނީ މުޖުތަމަޢުގެ ޙަޤީޤީ ޞޫރަ ވަޒަންކޮށްލަމާތޯއެވެ؟ އަނދިކަމުގެ ތެރޭގައިވާ އަމިއްލަ ނަފުސާއި ޟަމީރަށް ހެޔޮމަގުގެ އުއްބައްތިން ކަނިފަށެއްގެ އަލިކަން ނަމަވެސް ފޯރާތޯއެވެ!

ދުނިޔޭގައި ފަގީރުން ގިނައީ ކީއްވެ؟

ބައިނަލްއަޤުވާމީ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އިންސާނީ އާބާދީގެ 80% މީހުންނަކީ ދުވާލަކު އެންމެ 10 ޑޮލަރުވެސް ނުލިބޭ މީހުންނެވެ. އަދި ދުނިޔޭގެ ކޮންމެ ހަތަރު މީހުން ކުރެ އެކަކީ ދުވާލަކަށް ޑޮލަރެއްގެ މިންވަރު އާމްދަނީގެ ގޮތުގައި ނުލިބޭ މީހެކެވެ. ދެކުނު އޭޝިޔާ ސަރަޙައްދުގައި އެކަނި 706 މިލިޔަން މީހުން ކަރަންޓު ލިބޭނެ ގޮތެއް ނެތިފައި ދަތި ޙާލުގައި ދިރިއުޅެމުން އެބަދެއެވެ. އެކާވީސްވަނަ ސައްތައިގެ އިރު ފެނުން ތޮޅިލީ އިރު ދުނިޔާގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ގޮތުގައި ބިލިޔަނެއްހާ މީހުން ތިބިކަމަށް ލަފާކުރެވެއެވެ.

ދުނިޔޭގެ މުސްތަޤުބަލު ކަމުގައިވާ ކުޑަކުދިންގެ ޙާލަތު އަދި މާގޯހެވެ. ޔުނިސެފު ބުނާ ގޮތުގައި 26500އާއި 30000އި ދެމެދުގެ ޢަދަދަކަށް ބަނޑުހައި ހޫނުކަމުގެ ސަބަބުން ކޮންމެ އަހަރަކު ކުޑަކުދިން މަރުވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ލިބުމުގެ ނަސީބު ލިބިފައިނުވާ 121މިލިއަން ކުދިން ދިރިއުޅެމުންދެއެވެ. ދުނިޔޭގެ ކުޑަކުދިންގެ އާބާދީކަމުގައިވާ 2.2ބިލިޔަން ކުދިންގެ ތެރެއިން 1ބިލިޔަން ކުދިން ދިރިއުޅެނީ ފަޤީރު ޙާލުގައެވެ. ނުތަނަވަސްކަމާއި ކެކުޅުމުގެ ތެރޭގައެވެ. އަދި މިކުދިންގެ ތެރެއިން 640 މިލިޔަން ކުދިންނަށް ބޯހިޔާވަހިކަން ލިބިފައެއް ނުވެއެވެ. މާނައަކީ ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ ކޮންމެ 3ކުދިންކުރެ 1ކުއްޖަކީ ބޯހިޔާކޮށްލާނެ ފަދައެއްނެތް ނިކަމެތި ކުއްޖެކެވެ. އަދި ކޮންމެ 5 ކުދިންކުރެ 1ކުއްޖަކީ ސާފު ބޯފެން ފޮދެއް ލިބޭނެ ގޮތެއް ނެތިވެފައިވާ ކުއްޖެކެވެ. 270 މިލިޔަން ކުދިންވަނީ ޞިއްޙީ ފަރުވާ ލިބޭނެ މަގެއް ނެތިވެފައެވެ.
ފެނަކީ އިންސާނާގެ ދިރިހުރުމަށް އެންމެ ބޭނުން ވަސީލަތްކަމުގައި ވާއިރު، އެވަސީލަތް ދުނިޔޭގެ އެންމެނަށް ލިބޭތޯއެވެ؟ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި 1.1 ބިލިޔަން މީހުން ސާފު ބޯފެން ފޮދެއް ލިބޭނެ މަގެއް ތަނަވެސް ނުވެފައި އެބަތިއްބެއެވެ. ނަރުދަމާގެ ނިޒާމް ލިބުމުން މަޙުރޫމުވެފައިވާ 660މިލިޔަން މީހުން އެބަތިއްބެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ސާފު ބޯފެން ނުލިބުމުން، ނުވަތަ ކިލަނބުވެފައިވާ ފެން ބޭނުންކުރުމުގެ ސަބަބުން ފެތުރޭ ބަލިމަޑުކަމުގެ ޝިކާރަ އެއް ކަމުގައި ވެފައިވާ ކުޑަ ކުދީންނެވެ.

ފައިސާއާއި މުދާވެރިކަން ނެތީހެއްޔެވެ؟

މިހިސާބަށް އިންސާނީ މުޖުތަމަޢުގެ ޙާލުދިޔައީ ފައިސާ ނެތިގެންހެއްޔެވެ؟ ނުވަތަ ފަޤީރުންނަށް އެހީވެވޭނެ ފަދައެއް މުއްސަނދިންކިބައިގައި ނެތިގެންތޯއެވެ؟ މިސުވާލުތަކުގެ ޖަވާބުވެސް ތަފާސް ހިސާބުތަކުން ދެނެގަންނަމާތޯއެވެ؟ 2006ވަނަ އަހަރު މުޅި ދުނިޔޭގެ ޖުމްލަ ޖީޑީޕީއަކީ 48.2ޓްރިލިއަން ޑޮލަރެވެ. އެއިގެ ތެރެއިން 76 އިންސައްތަ ކަމުގައިވާ 36.6 ޓްރިލިއަން ޑޮލަރުގެ މައްޗަށް ބާރު ފޯރުވަނީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުންނެވެ. އެއީ ދުނިޔޭގެ އެންމެންގެ އާބާދީން އެންމެ ބިލިޔަނެކެވެ. ހަބައިކުޅަ އެއްބައި މީހުންނެވެ. އަދި ދުނިޔޭގެ ބިލިޔަނަރުން ކަމުގައިވާ 497 މީހުންގެ ބާރު ދަށުގައި 3.5ބިލިޔަން ޑޮލަރު އެބަހުއްޓެވެ. އެބައިމީހުންނަކީ ދުނިޔޭގެ އާބާދީން އެންމެ 0.000008%އެވެ. އެހެންނަމަވެސް އެބައިމީހުންގެ ބާރުގެ ދަށުގައި ދުނިޔޭގެ ޖީޑީޕީގެ 7% އެބަވެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި 8.3މިލިޔަން މުޅި ދުނިޔޭގެ ޖުމްލަ އާމްދަނީގެ ހަތަރުބައި ކުޅަ އެއްބައިގެ މައްޗަށް ބާރު ފޯރުވައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ދުނިޔޭގެ އާބާދީގެ 0.13%މީހުން ދުނިޔޭގެ ފައިސާގެ 25%ގެ މައަޗަށް 2004ވަނަ އަހަރު ބާރު ފޯރުވިއެވެ. އެހެންކަމުން ފައިސާ ދުނިޔޭގައި އެބަ ދައުރުކުރެއެވެ. އެހެންނަމަވެސް އެންމެނަށް ބެހިގެންނުދަނީއެވެ. އަދި ފައިސާވެރިން ނިކަމެތި ފަޤީރުންނަށް އެހީނުވަނީއެވެ. އެބައިމީހުންގެ މުދަލުގައި ފަޤީރުންގެ ޙިއްސާއެއްވާކަމަށް ޤަބޫލު ނުކުރަނީއެވެ.

ޚަރަދު ކުރެވެނީ ކިހިނެއް؟

މިދެންނެވުނު ފައިސާ ޚަރަދު ކުރެވެނީ ކޮން ގޮތަކަށްތޯއެވެ؟ އިންސާނީ މުޖުތަމަޢަށް ފައިދާ ހުރި ގޮތެއްގައިތޯއެވެ؟ ނުވަތަ ބޭކާރު ތާކުން ތާކުނުޖެހޭ ފަދައަކުންތޯއެވެ؟ ތަފާސް ހިސާބުތަކުން ސާބިތުވާ ގޮތުގައި ދުނިޔޭގައި ދައުރުކުރާ ފައިސާ އެންމެ ގިނައިން ހޭދަކުރެވެނީ ހަތިޔާރުގެ ވިޔަފާރިއަށެވެ. ފަޤީރުކަމާއި ބަނޑުހައިހޫނުކަން ގެނެސްދޭ ހަނގުރާމަތައް ކުރުމަށް ބޭނުންވާ ހަތިޔާރު ހޯދައި ރައްކާކުރުމަށެވެ. އެގޮތުން ހަމައެކަނި 1998ވަނަ އަހަރު ހަތިޔާރުގެ ވިޔަފާރިއަށް މުޅި ދުނިޔެއިން 180 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ހަމަ އެއަހަރު މުއްސަނދި ޤައުމުތަކުން ޚަރަދު ކޮށްފައިވަނީ ކޮންކަންތައްތަކަކަށްތޯ ބަލާލަމާ ހިންގަވާށެވެ. 400މިލިޔަން ކުދިން ސާފު ބޯފެން ފޮދެއް ނުލިބި ކަރުހިއްކައިގެންފައިތިއްބާ ޔޫރަޕުން އައިސްކްރީމަށް 11ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.1ބިލިޔަނަށްވުރެ ގިނަމީހުން އޮރިޔާންހާލު ނިވާކުރެވޭނެ ގޮތެއް ނެތިފައި ތިބިއިރު އެމެރިކާގައި އެކަނި އަންނައުނުގެ ވިޔަފާރިއަށް 8ބިލިޔަން ޑޮލަރު ޚަރަދުކުރިއެވެ. 1.8 ބިލިޔަން މީހުން ފެނަށް ބޭނުންވެފައިވާއިރު އެމެރިކާގައި ދުވާލަކު ބޭނުން ކުރެވުނު ފެނުގެ ނިސްބަތް ބޮލަކަށް 600ލީޓަރު ޖެހިފައިވެ އެވެ.

ކިހިނެއް؟

އިސްރާފުކުރުން މިހާވަރަށް މައްޗަށް ގޮސްފައިވާތީ އުފެދޭ ސުވާލަކީ ފަޤީރުކަމާއި ކުރާ ހަނގުރާމަ ކާމިޔާބު ކުރުމަށް މާބޮޑު ޚަރަދުތަކެއް ކުރަންޖެހޭތޯއެވެ؟ ދުނިޔޭގެ އާމްދަނީ އެކީ އެކަމަށް ބޭނުންވާނެތޯއެވެ؟ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. މުޅި ދުނިޔޭގެ އެންމެނަށް އަސާސީ ތަޢުލީމު ހޯދައިދިނުމަށް ޚަރަދުވާނެކަމަށް އަންދާޒާކުރެވިފައިވަނީ 6ބިލިޔަން ޑޮލަރެވެ. އެމެރިކާ މީހުން އަންނައުނަށް ކުރާ ޚަރަދަށްވުރެވެސް ކުޑަ ޚަރަދެކެވެ. މިޚަރަދު އެންމެ ބިލިޔަނަރަކަށްވެސް ދެވިދާނެކަމަށް ޤަބޫލުކުރެވެއެވެ. ދުނިޔޭގެ މުޅި އާބާދީއަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ޚަރަދުވާނެކަމަށް ލަފާކުރެވެނީ 9ބިލިޔަން ޑޮލަރެވެ. ދުނިޔޭގެ ހުރިހައި މާބަނޑު އަންހެނުންނަށް ދަރިމައިވުމުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚަރަދުކުރަން ޖެހޭނީ 12 ބިލިޔަން ޑޮލަރުކަމަށް ބެލެއެވެ. އަދި ދުނިޔޭގެ އެންމެނަށް އަސާސީ ފެންވަރަށް ޞިއްޙީ ފަރުވާއާއި ރަނގަޅު ކާނާ ފޯރުކޮށްދިނުމަށް ޚަރަދުވާނީ 13 ބިލިޔަން ޑޮލަރެވެ.

ނިންމުން:

މިދެންނެވުނު ޢަޖައިބުކުރުވަނިވި ތަފާސް ހިސާބުތަކުން ދޭހަވަނީ ކޮންކަމެއްތޯއެވެ؟ ފުރަތަމަ ކަމަށް އަޅުގަނޑަށް ވިސްނެނީ އަޅުގަނޑުމެންނަށް ލިބިހުރި ނިޢުމަތްތަކުގެ މައްޗަށް ދީލަތިވަންތަ ﷲގެ ޙަޟުރަތަށް ޝުކުރުވެރިވުމުގެ ހިތެއް ބާއްވަން ދަސްކުރަންޖެހޭކަމެވެ. ޝަކުވާއާއި ނާއުންމިދުގެ ދުނިޔޭން ނިކުންނަންޖެހޭކަމެވެ. އުރެދުންތެރިކަމުން ބަރީއަވެ އެކަލާނގެ އަށް ލޮބުވެތިމުގެ ޝުޢޫތައް އާލާކުރަންޖެހޭކަމެވެ.

ދެވަނަ ކަމަކަށް ހިތަށް އަންނަނީ މުޅިން ތަފާތު ޝުޢޫރެކެވެ. މި ދިރާސާއިން އެނގުނީ މުޅިންތަފާތު އެނގުމެކެވެ. ދުނިޔޭގެ ބިތްދޮށްފަރާތުގައި އޮތް ގިލަންވެރިކަމެވެ. ބޭއިންސާފާއި އަނިޔާވެރިކަމެވެ. ބޯފެނާއި ނަރުދަމާއާއި ޞިއްޙީ ޚިދުމަތްތަކާއި ތަޢުލީމު ދުނިޔޭގެ އެންމެނަށް ފޯރުކޮށްދިނުމަށް ޚަރަދުވާނެކަމަށް ބެލެވޭ ޢަދަދުގެ އެތައްގުނައެއް ހަމައެކަނި ޢަސްކަރީ ބޭނުންތަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ޚަރަދުކުރާކަމެވެ. އިންސާނީ ޙައްޤުތައް ހޯދައިދޭން ބުނަނީ ދުލުކޮޅުންނެވެ. ޢަމަލުގައި އޮތީ ރަޙުމެއްނެތި ޤަތުލުކުރުމެވެ. އެހެންނޫންނަމަ 40ބިލިޔަން ޑޮލަރު ޚަރަދުކޮށް ދުނިޔޭގެ އެންމެނަށް ނަންގަނެވުނު އަސާސީ ޙައްޤުތައް ހޯދައިދިނީސް ނޫންތޯއެވެ؟
ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.